ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒަކީ ގާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ބޭފުޅެއް: މުންދު

ރައީސް މުއިއްޒަކީ ގާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ބޭފުޅެއް: މުންދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ރައީސެއްކަން ފާހަގަކުރައްވަމުން، ގާނޫނުއަސާސީއާ ހިލާފަށް ނުވަތަ ދުސްތޫރީ ނިޒާމަށް ލޮޅުން އަންނަފަދަ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކޮންމެ ނިންމެވުމެއްވެސް ނަންގަވަނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ގެންނެވި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް


ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 15 އަށް މަދުކުރައްވައި، އައު ބޭފުޅުންތަކެއް އައްޔަންކުރައްވާފައެވެ. ތަރުޖަމާނު ވިދާޅުވީ މި ބަދަލުތަކަކީ ނިމިދިޔަ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައްޔިތުން ދިން މެސެޖު އަޑުއައްސަވައި، ސަރުކާރުގެ އޮނިގަނޑު ހަރުދަނާ ކުރެއްވުމަށް ކުރެއްވި ކަމެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ، އިސްތިއުފާ ދެއްވި ވަޒީރުން އެކަން ކުރެއްވީ ހެޔޮ ނިޔަތެއްގައި ކަމަށާއި، އެއީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. މި ބަދަލުތަކާއެކު މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، ރައްޔިތުން ބޭނުންވާ ކަންތައްތަކުގައި އަމަލީ ކުލަ ޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 "ވަރަށް މަދު ސަރުކާރެއް ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމު ކެރިވަޑައިނުގަންނަވާނެ ނުވަތަ އެހާ ފަސޭހަފުޅެއް ނުވާނެ ދައުރުގެ މެދުތެރެއިން ނަންގަވަންޖެހޭ ވަރަށް ވަރުގަދަ ވަރަށް ކެރޭ ޑިޒިޝަންތަކެއް ނަންގަވާފަ، ރައްޔިތުންނޭ މުހިންމީ، އަޑުއައްސަވާފީމޭ، އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވާން" ރައީސްގެ ނިންމެވުމަށް ތައުރީފު ކުރައްވަމުން މުންދު ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިއަށްވުރެ ހަލުވި ނަތީޖާއެއް ނެރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ