ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަމްޕާޑްގެ އިރުޝާދުގެ ދަށުން 25 އަހަރަށްފަހު ކޮވެންޓްރީ ޕްރިމިއާ ލީގަށް

ލަމްޕާޑްގެ އިރުޝާދުގެ ދަށުން 25 އަހަރަށްފަހު ކޮވެންޓްރީ ޕްރިމިއާ ލީގަށް

ފްރޭންކް ލަމްޕާޑަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ، އޭނާގެ އިރުޝާދުގެ ދަށުން ކޮވެންޓްރީ ސިޓީ 25 އަހަރަށްފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީފިއެވެ.

މިއީ ކުރީގެ ޗެލްސީގެ ތަރި، ކޯޗެއްގެ ގޮތުގައި އޭނާގެ އަގު ވަޒަންކުރުމަށް ކުރި ވަރަށް ބޮޑު މަސައްކަތެއްގެ ކާމިޔާބީކަމަށް ގިނަބަޔަކު ދެކެއެވެ.

އިނގިރޭސި ޗެމްޕިއަންޝިޕްގެ އެއްވަނައިގައި އޮތް ކޮވެންޓްރީއަށް ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވީ ހުކުރު ދުވަހު އެޑްވޫޑް ޕާކުގައި ބްލެކްބާން ރޯވާސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ. މި ކާމިޔާބީއާއެކު ލަމްޕާޑާއި، ކުޅުންތެރިންގެ އިތުރުން އެ ދަނޑަށް ޒިޔާރަތްކުރި ކޮވެންޓްރީގެ 7,500 ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މެޗު ނިމުމާއެކު އުފާވެރިކަމުގެ ކަރުނަ އަޅަމުން ލަމްޕާޑް ބުނީ، އޭނާގެ މުޅި ކެރިއަރުގައިވެސް އޮންނަނީ އަބަދުވެސް ކޮންމެވެސް ކަމެއް ސާބިތުކޮށްދިނުން ކަމަށެވެ.

"އަބަދުވެސް އޮންނަނީ ކޮންމެވެސް ކަމަކާ ދެކޮޅަށް ހަނގުރާމަކުރުން،ނުވަތަ ކަމެއް ސާބިތުކޮށްދިނުން" އޭނާއަށް ފާޑުކިޔާ މީހުންނަށް އިޝާރާތްކޮށް ލަމްޕާޑް ބުންޏެވެ.

ކޮވެންޓްރީ ސިޓީ 2001 ވަނަ އަހަރު ޕްރިމިއާ ލީގުން ކެޓުމަށްފަހު އެ ކްލަބަށް ވަނީ ވަރަށް ދަތި ދުވަސްތަކެއް ކުރިމަތިވެފައެވެ. 2017 ވަނަ އަހަރު ހަތަރުވަނަ ޑިވިޜަނަށް ވެއްޓި، ކުޅޭނެ ދަނޑެއް ނެތި، ދަނޑުގެ މައްސަލައިގައި ތިން ސީޒަން ވަންދެން އަމިއްލަ ދަނޑު ނޫން އެހެން ދަނޑުތަކުގައި  ކުޅެން ޖެހުނެވެ. ނަމަވެސް ލަމްޕާޑްގެ އައުމާއެކު އެކަން ވެސް ބަދަލުވެ، އެޓީމު މިވަނީ އަލުން އެނބުރި އެންމެ މަތީ ފަންތިއަށް ރުޖޫޢަވެފައެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަމްޕާޑް ކޯޗުކަމާ ހަވާލުވީއިރު، އޭނާގެ ކުރީގެ ނާކާމިޔާބީތަކުގެ ސަބަބުން ގިނަ ސަޕޯޓަރުން ތިބީ އެ ނިންމުމާ މެދު ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކްލަބުގެ ވެރިޔާ ޑަގް ކިންގް ލަމްޕާޑަށް ކުރި އިތުބާރުގެ ނަތީޖާ މިއަދު ވަނީ ފެނިފައެވެ. މި ޕްރޮމޯޝަނާއެކު ކޮވެންޓްރީއަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޕައުންޑް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ލަމްޕާޑްގެ ކޯޗިން ކެރިއަރުގައި މީގެ ކުރިން ޗެލްސީ އާއި އެވަޓަންގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭނާ ބުނި ގޮތުގައި، މިހާރު އޭނާ މަސައްކަތް ކުރަނީ ކުރިން އޭނާއަށް ކޯޗުކޮށްދިން ޖޯސޭ މޮރީނިއޯ އާއި ކާލޯ އަންޗެލޮޓީގެ ފަރާތުން ދަސްވި ކަންތައްތަކުގެ އެހީގައެވެ.

ލަމްޕާޑް ކޮވެންޓްރީއާ ހަވާލުވިއިރު އެޓީމު އޮތީ ރެލިގޭޝަން ޒޯނާ އެންމެ ދެ ޕޮއިންޓް ދުރުގައެވެ. ނަމަވެސް އެންމެ 15 މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ޓީމު މުޅިން ބަދަލުކޮށްލައި، ކާމިޔާބީގެ އައްސޭރިއަށް ގެންގޮސްދީފައެވެ.

"މިއީ އަހަރެން ހާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީ،" ލަބްޕާޑު ފާހަގަކުރިއެވެ.