ވޯލްޑް ކަޕަށް ދެ މަހަށް ވެފައި ވަނިކޮށް، ސައުދީގެ ކޯޗުކަމުން ރެނާޑް ވަކިކޮށްފި
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ދެ މަހަށް ވެސް ކުޑަތަންވެފައި ވަނިކޮށް، ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ފްރާންސްގެ ހާވޭ ރެނާޑް ވަކިކޮށްފިއެވެ.
އުމުރުން 57 އަހަރުގެ ރެނާޑް، އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން މިހާރު ދުރުކޮށްލާފައިވާ ކަމަށެވެ. މިއީ ސައުދީގެ ކޯޗުކަމާ ރެނާޑް ހަވާލުވި ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން އެ މަގާމާ ހަވާލުވީ 2024 ވަނަ އަހަރުގެ ފަހުކޮޅު، އިޓަލީގެ ރޮބާޓޯ މަންޗީނީ އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ސައުދީން އާޖެންޓީނާ ބަލިކުރި ތާރީޚީ މެޗުގައި ވެސް ކޯޗަކަށް ހުރި ރެނާޑް ބުނީ، "މިއީ ފުޓްބޯޅަ" ކަމަށެވެ.
"ސައުދީ އަރަބިއްޔާ ހަތް ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އޭގެ ތެރެއިން ދެ ފަހަރު އެކަން ހާސިލުކުރީ އަހަރެންގެ އިރުޝާދުގެ ދަށުން،" ރެނާޑް ފާހަގަކުރިއެވެ.
އަދި ކޮލިފިކޭޝަން އާއި ވޯލްޑް ކަޕްގައި ޓީމަށް އިރުޝާދުދިން ހަމައެކަނި ކޯޗަކީ އޭނާ ކަމަށްވުމީ ލިބޭ ފަޚުރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
Ads by BMLރެނާޑަކީ މީގެ ކުރިން ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. ސައުދީގެ ކޯޗުކަމުގެ ފުރަތަމަ ދައުރަށްފަހު އޭނާ ވަނީ ފްރާންސްގެ އަންހެން ގައުމީ ޓީމަށް ވެސް އިރުޝާދުދީފައެވެ.
ރެނާޑް ވަކިކުރުމާ ގުޅިގެން، ސައުދީގެ އައު ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ގްރީސްގެ ކުރީގެ ކުޅުންތެރިޔާ ޖޯޖިއޯސް ޑޯނިސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑޯނިސް މިހާރު ހުރީ ސައުދީގެ އަލް ޚަލީޖް ކްލަބުގެ ކޯޗަކަށެވެ. އެ ކްލަބާއި ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާ ދެމެދު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ސައުދީ އަރަބިއްޔާ ވާދަކުރަން ޖެހެނީ ސްޕެއިން، އުރުގުއޭ އަދި ކޭޕް ވާޑޭއާ އެވެ.
Ads by MACL
