ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 3 މިލިއަން ސީޓާއި 12،000 ފްލައިޓް ސައުދީން ހަމަޖައްސައިފި

ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 3 މިލިއަން ސީޓާއި 12،000 ފްލައިޓް ސައުދީން ހަމަޖައްސައިފި

1447 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިންނަށް އަމާން އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން އެންމެ މަތީ ދަރަޖައިގެ ތައްޔާރީތައް ވެއްޖެއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ތައްޔާރީތަކަކީ ވައިގެ މަގާއި، އެއްގަމު މަގާއި، ރޭލު އަދި ކަނޑުގެ މަގު ހިމެނޭހެން ފަރުމާކޮށްފައިވާ ފުރިހަމަ ނިޒާމެކެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން 3.1 މިލިއަނަށްވުރެ ގިނަ ސީޓު ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޝެޑިއުލް ފްލައިޓްތަކާއި ޗާޓަރު ފްލައިޓްތައް ހިމެނޭހެން 12،000 އަށްވުރެ ގިނަ ދަތުރު ހިމެނެއެވެ.

މި ޚިދުމަތްތައް ދިނުމަށް ހަ އެއާޕޯޓެއް ޚާއްޞަކޮށްފައިވާއިރު، 22،000 އަށްވުރެ ގިނަ މުވައްޒަފުން މި މަސައްކަތުގައި ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން ޙައްޖުވެރިންގެ ފޮށިތައް ހުންނަ ތަނުން ސީދާ އެއާޕޯޓަށް ފޮނުވައިދޭ "ބެގޭޖް-ފްރީ ޓްރެވަލާ" ޚިދުމަތް ވެސް ވަނީ ތައާރަފުކޮށްފައެވެ.

ސައުދީގެ ގައުމީ އެއާލައިން ކަމަށްވާ ސައުދިއާ އިން އެކަނިވެސް އެއް މިލިއަނަށްވުރެ ގިނަ ސީޓު ކަނޑައަޅާފައިވާއިރު، ފްލައިނާސް އިން 20 ބައިނަލްއަގުވާމީ މަންޒިލަކުން 147،000 އަށްވުރެ ގިނަ ޙައްޖުވެރިން އުފުލުމަށް ވަނީ ތައްޔާރުވެފައެވެ. ރޭލުގެ ޚިދުމަތަށް ބަލާއިރު، މަޝާއިރު ރޭލުން މިނާ، މުޒްދަލިފާ އަދި އަރަފާތާ ދެމެދު ދެ މިލިއަނަށްވުރެ ގިނަ މީހުން އުފުލުމަށް 2،000 އަށްވުރެ ގިނަ ދަތުރު ކުރާނެއެވެ. އަދި ހަރަމައިން ހައި-ސްޕީޑް ރޭލުން މައްކާއާއި މަދީނާއާ ދެމެދު 2.2 މިލިއަން ސީޓު ހިމެނޭހެން 5،308 ދަތުރު ކުރުމަށް ވަނީ ރޭވިފައެވެ.

އެއްގަމު ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައުދީގެ މަގުތަކުން 56 މިލިއަން ކިއުބިކް މީޓަރުގެ ވެލި ސާފުކޮށް، 178،000 އަށްވުރެ ގިނަ މަގުބައްތި ވަނީ މަރާމާތުކޮށްފައެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން 33،000 އަށްވުރެ ގިނަ ބަހާއި 5،000 ޓެކްސީ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ނެރޭނެއެވެ. އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ސައުދީ ޕޯސްޓުން އިލެކްޓްރިކް ސްކޫޓަރުތަކާއި ސައިކަލުތައް ބޭނުންކޮށްގެން ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ކަނޑުގެ މަގުން އަންނަ ޙައްޖުވެރިންނަށް ޖިއްދާ އިސްލާމިކް ޕޯޓް ވަނީ ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ސެންޓަރުން ބުނެފައިވަނީ، އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ވަގުތުން ފިޔަވަޅު އެޅުމަށްޓަކައި އިމަޖެންސީ ޓީމުތައް 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

"މި ހުރިހާ ތައްޔާރީތަކެއްގެ ބޭނުމަކީ ޙައްޖުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި އެމީހުންގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުން،" ސައުދީ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.