ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފި

ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާދެއްވި މުއާޒް ހަލީމް
ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާދެއްވި މުއާޒް ހަލީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް އެ މަގާމުން އިޒްތިއުއާ ދެއްވައިފި އެވެ.

އޭނާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން އެ ބޭފުޅާ ވިދާޅުވީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭނެ ޕާޓީއަކަށް ހެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ އާއި، ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އަޅުގަނޑަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." މުއާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަކީ މިވަގުތު ޕާޓީއަށް ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުން މުހިންމު މަގާމެއް ކަމަށް ފެންނާތީ، އެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީން ދަނީ ޕާޓީގެ އެތެރޭގެ ހިންގުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވަމުންނެވެ.