ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިލެކްޝަންގެ ދެވަނަބުރުގެ ގިނަ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށްދިޔަ ވޯޓުލުމުގެ ތެރެއިން ---
މިއަދު ކުރިއަށްދިޔަ ވޯޓުލުމުގެ ތެރެއިން ---

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދެވަނަ ބުރުގައި، ވާދަވެރި ނަތީޖާއަކާއެކު ސަރުކާރު ހިންގާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އިންތިޚާބު ބޭއްވި ޑަބްލިއުޑީސީގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެނޑިޑޭޓުންނެވެ.

ޕީއެންސީން ކާމިޔާބު ހޯދި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށެވެ. މި ރަށްތަކުގެ ޑަބްލިއުޑީސީ ގޮނޑިތައް އެ ޕާޓީން ނެގިއިރު، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރުކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި މިނިވަން ކެނޑިޑޭޓެކެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 3،800 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ނިމިފައިވާއިރު، ގިނަ ދާއިރާތަކެއްގައި ވާދަވެރިކަން ބޮޑުކަން ފާހަގަކުރެވުނެވެ.