ކާމިޔާބީ އާއި ނާކާމިޔާބީގައި ވެސް ސިޔާސަތަކީ އިންސާފުވެރިކަން އިސްކުރުން: ރައީސް
ނިމިގެންދިޔަ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ ޒަމާންތަކެއް ވަންދެން އިދިކޮޅު ފިކުރުގައި އޮތް ދާއިރާއެއްގެ ނަތީޖާ އަނބުރާލެވުނީ އެ ދާއިރާގެ ރައްޔިތުން އެއް ޓީމެއްގެ ގޮތުގައި ކުރި ވަރުގަދަ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ކަންކަން ވިސްނައިދީގެން ހޯދި ކާމިޔާބީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކާމިޔާބީއަކީ މާތްﷲ މިންވަރުކުރައްވާ އެއްޗެއް ކަމަށާއި، ވެރިކަމާއި މަގާމުތަކަކީ އެކަލާނގެ ދެއްވާ އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުން ވެސް އެ ކާމިޔާބީގައި ހިތްތިރިކޮށް، މަގާމާ ހަވާލުވާ ފުރަތަމަ މިނެޓުން ފެށިގެން ވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޒިންމާ އަދާކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
މަގާމުތަކަށް އިންތިޚާބުވި ފަރާތްތަކުން ޚިދުމަތް ދިނުމުގައި ވޯޓު ދިން މީހުންނާއި ނުދޭ މީހުން ތަފާތު ނުކުރުމަށާއި، ހަމަހަމަކަމާއެކު ރިވެތި މިސާލު ދެއްކުމަށް ރައީސް އެދިވަޑައިގަތެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ އިންތިޚާބުވި ހުރިހާ މަންދޫބުންނާ ގުޅިގެން ވަރަށް ގާތުންކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
"މި ދާއިރާގެ ތިން ރަށުގެ ތަރައްގީއަށްވެސް އަދި މިގޮތަށް މިހާ ފުރިހަމަ ކާމިޔާބީއެއް އަޅުގަނޑުމެން ނުލިބި ދިޔަ ރަށްރަށުގެ ތަރައްގީގައިވެސް ހަމަހަމަކަން [ފެނިގެންދާނެ]... އެއީ އަޅުގަނޑުގެ އަދި މި ސަރުކާރުގެ ހުރިހާވެސް ވިސްނުމަކީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކީ ހިދުމަތް ދިނުން،" ރައީސް ވިދާޅުވިއެވެ.
މި އިންތިޚާބުގައި ޕީއެންސީއަށް ގިނަ ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ޚާއްޞަކޮށް ސިޓީތަކުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އިންތިޚާބުގެ ނަތީޖާއިން ލިބުނު ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް ސަރުކާރުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުންކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
Ads by MACL
