މި އިންތިޚާބުގެ ކާމިޔާބީގެ ސިއްރަކީ އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން ކުރި މަސައްކަތް: މިނިސްޓަރު ރާފިއު
ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫން އެމްޑީޕީގެ މައްޗަށް ޕީއެންސީން ހޯދި ފުރިހަމަ ކާމިޔާބީގެ އަސްލަކީ އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މި ތިން ރަށުން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މި ނަތީޖާ ހާސިލުކުރެވުނީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެއް އަމާޒަކަށް، އެއް އާއިލާއެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ. އަދި މި ފޮނި ކާމިޔާބީގެ ފަހަތުގައިވަނީ ޕާޓީގެ ލީޑަޝިޕް، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގެ ކެމްޕެއިން ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި މިނިސްޓަރު ރާފިއު ވަނީ، އިންތިޚާބު ކާމިޔާބުކުރުމަށް ކެމްޕެއިން ޓީމުތަކުން ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުގައި ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރަން ހުރިކަން އެނގިވަޑައިގެންފިކަމަށާއި، މުއައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވެސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރާފިއު ވަނީ، ރަށްރަށުގައި އޮތް އެއްބައިވަންތަކަން އިތުރުކޮށް، ޕީއެންސީގެ ޓީމު އިތުރަށް ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މި ތިން ރަށުގެ ކައުންސިލްތަކުން މަސައްކަތްކުރާނީ ސަރުކާރާ ގުޅިގެން، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށް، އިހުނަށްވުރެ ވަރުގަދަކޮށް ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ރާފިއު ވަނީ ރައީސްގެ ދެކަނބަލުން މި އުފަލުގައި ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
Ads by MACL
