ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަނިކު ސޭޓުގެ ގެއިން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މަނިކު ސޭޓުގެ ގެއިން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ އާއިލާ އުމްރާއަށް ގޮސްވީ ވަގުތު، ނަލަހިޔާ ރެސިޑެންސްގައި ހުންނަ އޭނާގެ އެޕާޓްމަންޓުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، އުމުރުން 47 އަހަރުގެ ޖަޒީލު މުހައްމަދެވެ. މިއީ މި ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ.

މިދިޔަ ރޯދަމަހުގެ ފަހު ދިހައެއްގައި ހިންގި މި ބޮޑު ވައްކަމުގައި ޖަޒީލްގެ އިތުރުން ދެން ހިމެނެނީ މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނެވެ. އެމީހުންނަކީ:

  • އިސްމާއިލް އާސިފް (36އ) - ދާރުލް އައްވަލް / ރ. މަޑުއްވަރީ

  • މުހައްމަދު ނޫރު އަހްމަދު (40އ) - ކަސްތޫރިމާގެ / ޅ. ނައިފަރު

  • މުހައްމަދު އަފްރާހް (40އ) - މޫންލައިޓްވިލާ / ސ. މީދޫ

  • އަހުމަދު ފާރިސް (39އ) - މ. އޭސިޔާ

މައުލޫމާތު ލިބިފައިވާ ގޮތުގައި މަންޝާގެ ނަމުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރައްވާ މަނިކު ސޭޓުގެ ގެއިން ވައްކަން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާގެ އާއިލީ މީހެއް ކަމަށްވާ އާސިފްއެވެ. މި ވައްކަން ހިންގާފައިވަނީ އާއިލާ އުމްރާއަށް ފުރަމުން، ގެ ބެލެހެއްޓުމާ އޭނާއާ ހަވާލުކޮށްފައި ވަނިކޮށެވެ.

މި މައްސަލައިގެ މޭސްތިރި ކަމަށް ބެލެވޭ އާސިފަކީ މީގެ ކުރިން ބޮޑު ކުށެއް ސާބިތުވެފައިވާ މީހެކެވެ. ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށްލުމަށް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. ބަންދުގައި ހޭދަކުރި މުއްދަތު ކަނޑައިލުމުން އޭނާ ތަންފީޒުކުރަން ޖެހުނީ 7 އަހަރާއި 3 މަހުގެ ހުކުމެކެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހުކޮޅު (ސެޕްޓެމްބަރު 2023 ގައި)، އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ބަދަލުކުރުމަށްފަހު ވަނީ މިނިވަންކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގެ ތަހުގީގު މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ވަގަށް ނެގި 4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އެންމެ 50،000 ރުފިޔާއެވެ.