ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ މުޒާހަރާތަކަކީ އެތެރޭގެ އިންތިޚާބަށް "ފޮޓޯ" ހޯދަން ކުރާ ކަމެއް: ޝުޖާއު

ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ---
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ---

އިދިކޮޅު އެމްޑީޕީން މާލޭގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރުން ކަމެއް ގޯސްކޮށް ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށާއި، އެއީ އެޕާޓީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރާ މެމްބަރުން "ފޮޓޯ" ހޯދަން ކުރާ ކަމެއްކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތަށް ކުރާ މި މުޒާހަރާތަކަކީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ލީޑަރުން ގޭގައި ހެޔޮ ހާލުގައި ތިއްބެވިއިރު، ނުހައްގުން ޖަލުގައި ހުރި އެއްވެސް މީހަކު އަދި ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި މުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ޤުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް،" ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރަނގަޅުކުރަން ފެނިވަޑައިގަންނަވާ ކަންކަން ރަނގަޅުކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިގޮތަށް އުނދަގޫ ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.