ދައުލަތުގެ ރަސްމީ ރިޒާވް 1.33 ބިލިއަން ޑޮލަރަށް އަރައި ރެކޯޑެއް މުގުރާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުން ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އަދާކުރުމުގެ ކުރިން، މިދިޔަ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.33 ބިލިއަން ޑޮލަރަށް އަރައި ތާރީޚީ ރެކޯޑެއް މުގުރާލާފައެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތަކުން އެނގޭގޮތުގައި ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 1.27 ބިލިއަން ޑޮލަރެވެ. ނަމަވެސް، މާރިޗު މަހުގެ ނިޔަލަށް އެ އަދަދު ވަނީ %4.7 ގެ ކުރިއެރުމަކާއެކު 1.33 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ މާލީ ތާރީޚުގައި ރަސްމީ ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ދައުލަތަށް ވަގުތުން ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ "ބޭނުންކުރެވޭ ރިޒާވް" (ޔޫޒަބަލް ރިޒާވް) ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ފެބްރުއަރީ މަހު 337 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، މާރިޗު މަހުގެ ނިޔަލަށް ވަނީ 400 މިލިއަން ޑޮލަރުގެ އިން ހުރަސްކޮށްފައެވެ. އެގޮތުން މާރިޗު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 409 މިލިއަން ޑޮލަރު ހުރިއިރު، މިއީ %21.3 ގެ ބޮޑު ކުރިއެރުމެކެވެ.
މާރިޗު މަހުގެ ނިޔަލަށް ރިޒާވް މިހާ ބޮޑަށް އިތުރުވެފައިވާއިރު، މިއީ ދައުލަތުން މިހާތަނަށް ދެއްކި އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 8.1 ބިލިއަން ރުފިޔާ) ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ހުރި އަދަދުތަކެކެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބޮޑު ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި (އެސްޑީއެފް) ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. އަދި މި ދަރަނި ދެއްކުމަށްޓަކައި ދުރާލާ ސަރުކާރުން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
Ads by MACL
