ދުނިޔޭގެ މަސްރަޙު ހޫނުވި ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ޒަމީރު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ. މި ޔަޤީންކަން ދެއްވާފައިވަނީ، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މޫސާ ޒަމީރު އެވެ.
މިކަން ހާމަކޮށްފައިވަނީ، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ފެބްރުއަރީ އަދި މާރިޗު މަހެކޭ އެއްފަދައިން މި ހިނގާ އޭޕްރީލް މަހުވެސް ރާއްޖެއަށް ތެލުގެ ޝިޕްމެންޓްތައް އަންނަނީ ގަވާއިދުން ލިބެމުންނެވެ. އެގޮތުން، މި މަހުގެ 18 އަދި 24 ވަނަ ދުވަހު ތެޔޮ ބޯޓުތައް ރާއްޖެ އައިސްފައިވާއިރު، 28 ވަނަ ދުވަހުވެސް އިތުރު ޝިޕްމެންޓެއް އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ސަރަޙައްދީ ނުތަނަވަސްކަމާއެކުވެސް، ޕެޓްރޯލާއި ޑީސަލްގެ އިތުރުން ކައްކާ ގޭސް ވެސް އެއްވެސް މައްސަލައަކާ ނުލައި ދަނީ އެތެރެކުރެވެމުންނެވެ.
މި ދަނޑިވަޅުގައި އުފާވެރި އެއް ޚަބަރަކީ ޖެޓް ފިއުލްގެ އަގު ދަށްވުމެވެ. މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ 1.99 އެމެރިކާ ޑޮލަރުން 1.90 ޑޮލަރަށް ތިރިވެފައެވެ. ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގުތައް ހަނގުރާމައިގެ ކުރިން ހުރި ވަރަށްވުރެ މަތީގައި އުޅޭއިރު، އިންޝުއަރެންސާއި މުދާ އުފުލުމުގެ އަގުތައް އަދި ސަޕްލަޔަރުން ނަގާ ޕްރީމިއަމް ވަނީ އުފުލިފައެވެ. އެހެންނަމަވެސް، ޖެޓް ފިއުލްގެ އަގު ހެޔޮވުމަކީ ރާއްޖޭގެ އިޤުތިޞާދަށާއި ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިނިސްޓްރީން ލަފާކުރާ ގޮތުގައި މީގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް ކުޑަވެ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީއަށް އޭގެ ހެޔޮ އަސަރު ކުރާނެއެވެ.
Ads by MACL
