އެވްރެޖް 6500 ފަތުރުވެރިން ދުވާލަކަށް އާދޭ، ހާލަތު ދަނީ ރަނގަޅުވަމުން: ވަޒީރު އަމީން
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަދި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރި މަސައްކަތުން، އެ ދަތިތަކާއެކުވެސް ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 740,364 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ދުވާލަކު އަންނަ ފަތުރުވެރިންގެ ނިސްބަތް ހުރީ 6,885 ގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހާލަތު ރަނގަޅުވަމުން އަންނަކަމުގެ މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ދަތުރުފަތުރަށް ބުރޫއަރައި ދުވާލަކު 20 ފްލައިޓް ކެންސަލްވަމުން ދިޔަ ނަމަވެސް، ފަހުން އެ އަދަދު 16 އަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އެ އަދަދު އެއަށްވުރެ ވެސް ދަށްކުރެވި، މެދުކަނޑާލި ބައެއް އެއާލައިންތަކުން އަލުން ދަތުރުތައް ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 108,656 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިޔާއިން (92,000 އަށްވުރެ ގިނަ) ވަނީ އައިސްފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 69,000 އަށްވުރެ ގިނަ އަދި އިޓަލީވިލާތުން 62,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ޤައުމުތަކުގެ އިތުރުން ޖަރުމަނާއި، އިންޑިއާ އަދި ފްރާންސް އަކީވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ޤައުމުތަކެވެ.
Ads by MACL
