ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރުކުން ވެއްޓުނު މީހާ އިތުރު ފަރުވާއަށް މިރޭ މާލެ ގެންނަނީ

ރުކުން ވެއްޓުނު މީހާ އިތުރު ފަރުވާއަށް މިރޭ މާލެ ގެންނަނީ

ހދ. ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރުފަރުވާއަން މާލެ ގެނައުމަށް ނިންމައިފިއެވެ.

ހާލު ސީރިއަސް ކަމުން އޭނާއަށް މިހާރު ވެސް ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ.


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާގެ ހާލަތަށް އަދި ބަދަލެއް ނާންނަ ކަމަށާއި ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި އެ މީހާގެ ބްލަޑް ޕްރެޝަރު (ބީޕީ) މެނޭޖްކުރަމުން ދަނީ އިންޖެކްޝަންގެ އެހީގައި ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ އާލު ރަނގަޅުވަމުން ނުދާތީ މިހާރު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިރޭ 12:00 ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނައުމަށް ހަމަޖެހިފައިވަކަމަށް ވިދާޅުވިއެވެ. އަދި މާލެ ގެނެސް އެމީހާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރުކުން ވެއްޓުނު މީހާއަކީ އެ ދުވަހުވެސް ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ރުކުން ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައިއެވެ.


މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ވަނީ ބުނެފައެވެ.