އެމްޑީޕީން ރަސްކަންކުރަމުން އައި އއ އަތޮޅުގެ މުޅި މެޖޯރިޓީ ޕީއެންސީއަށް!
4 އެޕްރީލް 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ލޮޅުމެއް ފެނިގެންދިޔައީ، ވޭތުވެދިޔަ 18 އަހަރު ދުވަހު އިދިކޮޅު އެމްޑީޕީގެ ބާރުގަދަ ކިއްލާއެއްގެ ގޮތުގައި އޮތް އަރިއަތޮޅު އުތުރުބުރި (އއ. އަތޮޅު) ގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އަދި ވަކިން ޚާއްޞަކޮށް ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް އއ. ރަސްދޫ އަދި އުކުޅަހުގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުމަކީ ސިޔާސީ ގޮތުން އައި ވަރަށް ބޮޑު ލޮޅުމެކެވެ.
ރަސްދޫ އަދި އުކުޅަސް: 18 އަހަރުވީ ބާރުވެރިކަމުގެ ނިމުން
އަތޮޅުގެ ވެރިކަން ކުރާ ރަށް، ރަސްދޫއަކީ ފާއިތުވި 18 އަހަރު ދުވަހު އެމްޑީޕީގެ ފިކުރުގައި ސާބިތުވެ އޮތް ރަށެއް ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ވަހީދު ވަނީ 50% ވޯޓާއެކު ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރައްވާފައެވެ. އަދި އެ ރަށުގެ މެމްބަރު ގޮނޑިއާއި އަންހެނުންގެ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.
އާބާދީގެ ނިސްބަތުން އަތޮޅުގައި އެމްޑީޕީއަށް އެންމެ ބޮޑު ތާއީދެއް އޮންނަކަމަށް ބެލެވޭ އުކުޅަހުގެ ނަތީޖާވެސް ވަނީ އެނބުރިފައެވެ. އެރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ޢަލީ ވަހީދު ކާމިޔާބުކުރެއްވީ 380 ވޯޓު (55.3%) ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޝައުކަތު އިބްރާހިމްއަށް ލިބިވަޑައިގަތީ 307 ވޯޓެވެ. އެއީ 44.7% އެވެ. ރަސްދޫއެކޭ އެއްފަދައިން އުކުޅަހުގެ މެމްބަރު ގޮނޑިއާއި އަންހެނުންގެ ގޮނޑިވެސް ނެގީ ސަރުކާރު ހިންގާ ޕާޓީންނެވެ.
Ads by BMLއަތޮޅުގެ އެހެން ރަށްތަކުގެ ނަތީޖާ
ރަސްދޫ އަދި އުކުޅަހުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުންވެސް ފެނިގެންދިޔައީ ޕީއެންސީގެ ކާމިޔާބީއެވެ.
-
ތޮއްޑޫ: ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރު ޙުސައިން ސަމީރު ތަމްސީލްކުރައްވާ މި ދާއިރާގެ ރައީސްކަން 51% ވޯޓާއެކު ހޯދީ ޕީއެންސީގެ އާދަމް ނަވީންއެވެ. އަދި މެމްބަރު ގޮނޑިވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
-
މަތިވެރި: ދިގު މުއްދަތަކަށް އެމްޑީޕީގެ ބާރު އޮތް މި ރަށުގެ ކައުންސިލް ރައީސްކަން ޕީއެންސީގެ އިސްމާއީލް އާތިފް ކާމިޔާބުކުރެއްވީ 353 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު އަސްލަމްއަށް ލިބިވަޑައިގަތީ 224 ވޯޓެވެ. މީގެ އިތުރުން މެމްބަރު ގޮނޑިއަށް ޙުސައިން ނިހާން އަދި އަންހެނުންގެ ގޮނޑިއަށް ފާތިމަތު ޝައިހާ ފަހުމީ އިންތިޚާބުވެފައިވާއިރު، މި ދެބޭފުޅުންނަކީވެސް ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
-
ހިމަންދޫ: މި ރަށުގެ ކައުންސިލް ރައީސްކަމާއި އަންހެނުންގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ ވޯޓަކާ ނުލައެވެ.
-
ބޮޑުފޮޅުދޫ: މިއީ އއ. އަތޮޅުން އެމްޑީޕީއަށް ވޯޓަކާ ނުލައި ގޮނޑިއެއް ކާމިޔާބުވި ހަމައެކަނި ރަށެވެ. އެރަށުގެ ކައުންސިލް ރައީސްކަން އެމްޑީޕީން ވަނީ ޔަގީންކޮށްފައެވެ.
މި ނަތީޖާތަކާއެކު، އއ. އަތޮޅުގެ 8 ރަށުގެ ތެރެއިން 6 ރަށެއްގައި ޕީއެންސީން މެޖޯރިޓީ ނުވަތަ މުޅި ކައުންސިލްގެ ކޮންޓްރޯލް ވަނީ ހޯދާފައެވެ.
ޑަބްލިއުޑީސީތަކުގެ ކޮންޓްރޯލްވެސް ޕީއެންސީއަށް
ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރުވެސް، އއ. އަތޮޅުގައި ޕީއެންސީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ ބާރުގަދަ ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ މެޖޯރިޓީވެސް ވަނީ ސަރުކާރު ހިންގާ ޕާޓީން ކާމިޔާބުކޮށްފައެވެ.
އަތޮޅުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި އޮތް ރަސްދޫގެ ޑަބްލިއުޑީސީ ރައީސްކަން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ޙަމްދޫނާ ޙަމީދެވެ. އޭނާ ވަނީ 383 ވޯޓު (51.83%) ހޯއްދަވާފައެވެ. ވާދަވެރި އެމްޑީޕީގެ ސިނާޔާ އިބްރާހިމްއަށް ލިބިވަޑައިގަތީ 356 ވޯޓެވެ. 87 އިންސައްތައިގެ ވޯޓިންގ ޓަރންއައުޓަކާއެކު ނިމިގެންދިޔަ މި އިންތިޚާބުގައި، ރަސްދޫ ޑަބްލިއުޑީސީއަށް އެންމެ ގިނަ ވޯޓު ހޯދައިގެން މެމްބަރުކަމަށް އިންތިޚާބުވި 4 ކަނބަލުންގެ ތެރެއިން އެންމެ ކުރީގައި އުޅެނީވެސް ޕީއެންސީގެ ދެ ކެންޑިޑޭޓުންނެވެ. އެއީ 398 ވޯޓު ހޯދި ޒުލައިޚާ އަބޫބަކުރު އަދި 383 ވޯޓު ހޯދި އަމީނަތު އަނޫސާއެވެ.
އުކުޅަހަށް ބަލާއިރު، އެރަށުގެ ޑަބްލިއުޑީސީގެ ރައީސްކަންވެސް ނެގީ ޕީއެންސީންނެވެ. 369 ވޯޓާއެކު (54.03%) ޕީއެންސީގެ ސާޖިޔާ ސާޖިދު ސައީދު މި ގޮނޑި ކާމިޔާބުކުރެއްވިއިރު، އެމްޑީޕީގެ ޒަހުރާ އާމިރުއަށް ލިބިވަޑައިގަތީ 310 ވޯޓެވެ. މީގެ އިތުރުން ކޮމިޓީގެ މެމްބަރުކަމަށް އެންމެ ގިނަ ވޯޓު ހޯދައިގެން ޕީއެންސީގެ ބަޞީރާ އަޙްމަދު (314 ވޯޓު) އަދި ރަޒީމާ ޢަލީ (274 ވޯޓު) އިންތިޚާބުވެފައިވުމާއެކު، އުކުޅަހުގެ ޑަބްލިއުޑީސީގެ މެޖޯރިޓީވެސް ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ.
އަތޮޅުގެ އެހެން ރަށްތަކަށް ބަލާއިރު، ތޮއްޑޫގެ ޑަބްލިއުޑީސީ ރައީސްކަންވަނީ 655 ވޯޓުން ޕީއެންސީގެ އާމިނަތު ސިމްލާ ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ މަތިވެރީގެ ޑަބްލިއުޑީސީގެ މެމްބަރުންގެ ދެ ގޮނޑިވެސް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. ހިމަންދޫން ވެސް ޑަބްލިޔުޑީސީގެ ދެގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، މުޅިއަތޮޅުގެ ޑަބްލިއުޑީސީގެ މެޖޯރިޓީވެސް ނަގާފައިވަނީ ޕީއެންސީގެ މެމްބަރުންނެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، ކައުންސިލް އިންތިޚާބެކޭ އެއްފަދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންވެސް ފެނިގެންދިޔައީ، އެމްޑީޕީގެ ބާރުގަދަ ރަށްރަށުގައި ޕީއެންސީން ބޮޑެތި ކުރިއެރުންތަކެއް ހޯދި މަންޒަރެވެ. މިއީ ސިޔާސީ ފިކުރަށްވުރެ ބޮޑަށް، އަމަލީ ގޮތުން ރަށަށް ތަރައްޤީ ގެނެސްދޭނެ ފަރާތްތަކަށް ރައްޔިތުން ވޯޓުދިންކަން ކަށަވަރުކޮށްދޭ ނަތީޖާއެކެވެ.
ރައްޔިތުންގެ ވިސްނުމާއި މުޅި ރާއްޖޭގެ ނަތީޖާ
މި ބަދަލާއެކު ފާހަގަވެގެންދަނީ، ރައްޔިތުން މިހާރު ސިޔާސީ ކުލައަށްވުރެ ބޮޑަށް ބޭނުންވަނީ ރަށަށް ތަރައްޤީ ގެނެސްދޭނެ ފަރާތެއް ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް އެންމެ ތާއީދު ބޮޑު ރަށްރަށަށް ސަމާލުކަން ކުޑަވުމަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވި ކަމެކެވެ.
އިންތިޚާބުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ސިޓީތަކުގެ މޭޔަރުކަން އެމްޑީޕީން ހޯދި ނަމަވެސް، ގިނަ ރަށްރަށުގެ މެޖޯރިޓީ ހޯދާފައިވަނީ ޕީއެންސީންނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެއްކަމަށް ގިނަބަޔަކު ސިފަކުރެއެވެ.
މީގެ އިތުރުން، އިންތިޚާބާ އެކުއެކީގައި ކުރިއަށްދިޔަ ދުސްތޫރީ ރިފަރެންޑަމްގައި 68.7% މީހުން ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދީފައިވީ ނަމަވެސް، އެކަން ބެލެވިފައިވަނީ ވަކި ސިޔާސީ ޕާޓީއަކާ ދެކޮޅު ހެދުމުގެ ބަދަލުގައި ނިޒާމީ ބަދަލަކަށް ރައްޔިތުން ދެކޮޅު ހެދުން ކަމުގައެވެ.
އއ. އަތޮޅުގެ މި ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އާ ބާބެއް ފެށިގެންދިޔަ ކަމުގެ ނިޝާނެކެވެ. ސިޓީތަކުގެ މޭޔަރުކަން އެމްޑީޕީއަށް ލިބުނު ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ވޯޓު ބޭންކު ކަމަށްވާ ރަށްފުށުގެ މެޖޯރިޓީ، އަދި ޚާއްޞަކޮށް އެމްޑީޕީގެ ބާރުގަދަ އއ. އަތޮޅު ޕީއެންސީއަށް އެނބުރުމަކީ، 2026 ގެ ލޯކަލް އިންތިޚާބުގެ ޙަޤީޤީ ކާމިޔާބީ ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައިވާކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
Ads by MACL
