ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލުބުނާނުގައި ކްރިސްޓިއަނުންގެ ދީނީ ބިނާތަކަށް އިސްރާއީލުން ގެއްލުންދޭ މައްސަލަ ހޫނުވެއްޖެ

ކުރިސްޓިއަން ފައްޅިއަކަށް ގެއްލުންދީފައި ---
ކުރިސްޓިއަން ފައްޅިއަކަށް ގެއްލުންދީފައި ---

ދެކުނު ލުބުނާނުގައި ކްރިސްޓިއަނުންގެ ދީނީ ބިނާތަކަށާއި ރަމްޒުތަކަށް އިސްރާއީލު ސިފައިން ގަސްތުގައި ދެމުންގެންދާ ގެއްލުންތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ފެންވަރެއްގައި ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

މި މައްސަލަ އަލުން ފެންމަތިވެގެން ދިޔައީ، ދެކުނު ލުބުނާނުގެ އަވަށެއް ކަމަށްވާ ދައިރު ސިރްޔާންގައި ހުރި އީސާގެފާނުގެ ބުދެއްގެ ބޯ، އިސްރާއީލު ސިފައިންގެ މީހަކު މަރުތޭލަކުން (ޖެކްހެމަރަކުން) ތަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މި ވީޑިއޯ އާންމުވުމާއެކު އިސްރާއީލަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފައެވެ. އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ނަދާވް ޝޮޝާނީ ބުނި ގޮތުގައި، އެ ވީޑިއޯގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެމީހުން ދަނީ ކުރަމުންނެވެ. އަދި އެއީ ދާދި ފަހުން ހިނގާފައިވާ ކަމެއް ނަމަ، އެއީ އިސްރާއީލު އަސްކަރިއްޔާގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މި އަމަލު ހިންގި ސިފައިންގެ މީހާއާ މެދު އެޅީ ކޮން ފިޔަވަޅެއްކަން އަދި އޭނާގެ ވަނަވަރެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ކުރީގެ ކޮންގްރެސް މެމްބަރު މާޖޮރީ ޓޭލަރ ގްރީން ވެސް ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިލިއަނުން ޚަރަދުކޮށްގެން ހަތިޔާރު ފޯރުކޮށްދޭ ގައުމަކުން މިފަދަ އަމަލެއް ހިންގުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ވެރިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަކީ މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ސަބަބެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

https://twitter.com/ytirawi/status/2045851392527458672?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2045851392527458672%7Ctwgr%5Ef943940d2aec72a5551ae4e4a9d551f68f44b7cf%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fytirawi%2Fstatus%2F2045851392527458672

އިސްރާއީލުން ލުބުނާނުގެ ކްރިސްޓިއަން އަވަށްތަކަށް ދެމުންދާ ހަމަލާތަކަކީ އާ ކަމެއް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުން، ދެކުނު ލުބުނާނުގެ ކްރިސްޓިއަނުން ގިނައިން ދިރިއުޅޭ "އަލްމާ އަލް-ޝާބް" އަދި "ދެބެލް" ފަދަ އަވަށްތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތައް ގެދޮރަކާއި ފައްޅިތަކެއް ވަނީ ސުންނާފަތިވެފައެވެ. އަދި އޭގެ ތެރެއިން ބައެއް އަވަށްތައް މީހުންނަށް ދިރިނޫޅެވޭ ވަރުގެ ފަޅު ތަންތަނަށް މިހާރު ވަނީ ބަދަލުވެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޔަރޫން އަވަށުގައި ހުރި "ސެއިންޓް ޖޯޖް" ގެ ބުދެއްވެސް އިސްރާއީލު ސިފައިންގެ ބުލްޑޯޒަރަކުން ވަނީ ބިމާ ހަމަކޮށްލާފައެވެ. މަދަނީ އުމްރާނީ ތަންތަނަށާއި، ދީނީ ބިނާތަކަށް ގެއްލުން ދިނުމުގެ ނިޔަތެއް ނެތްކަމަށް އިސްރާއީލުން ބުނަމުންދިޔަ ނަމަވެސް، ކަން ހިނގަމުންދާ ގޮތުން އެކަން ދޮގުވެއެވެ.