ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާދަވެރި މުބާރާތްތަކާއި ފެސްޓިވަލްތަކަށް ވަކި އުމުރުފުރާތަކެއް ކަނޑައަޅަނީ

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓަރު
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓަރު

ސްކޫލްތަކުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން، ވާދަވެރި މުބާރާތްތަކާއި ފެސްޓިވަލް އުސޫލުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާނެ ވަކި އުމުރުފުރާތަކެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ސްކޫލް ކުޅިވަރު މުބާރާތްތަކުން 14 އަހަރުން ދަށުގެ އުމުރުފުރާ އުނިކުރުމާ ގުޅިގެން ގިނަ ބެލެނިވެރިންނާއި، ކޯޗުންގެ އިތުރުން ކުޅިވަރު އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މާދަމާ ހާއްސަ މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ދެ މިނިސްޓްރީ ދެމެދުގައި މިހާރުވެސް މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށް ރާފިއު ވިދާޅުވިއެވެ.

ސްކޫލް ކުދިން ކުޅިވަރުން ބާކީކުރާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވަނީ، އެއްވެސް އުމުރުފުރާއެއްގެ ކުދިން ކުޅިވަރުތަކުގައި ބައިވެރިނުކުރަން ސަރުކާރުން ނިންމާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ބޭނުންވަނީ ކުޅިވަރު ކުޅޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮން އުމުރުފުރާއަކުންތޯ ފެސްޓިވަލް އުސޫލުން ކުޅޭނީ، އަދި ކޮން އުމުރުފުރާއަކުންތޯ އިންޓަ ސްކޫލް ވާދަވެރި މުބާރާތްތަކުގައި ކުޅޭނީ ކަނޑައަޅަން އެބަޖެހޭ. މިއީ އަޅުގަނޑުމެން މިހާރު މަޝްވަރާ ކުރަމުންދާ ކަމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިވިޖުއަލް އަދި ޓީމު ކުޅިވަރުތައް ހިމެނޭހެން، އެއް ދަރިވަރަކަށް ގިނަވެގެންނާއި މަދުވެގެން ބައިވެރިވެވޭނީ ކިތައް ކުޅިވަރުގައިކަންވެސް ކުރިއަށް އޮތް ތަނުގައި ކަނޑައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ކުޑައިރު ކުދިން އެކި ކުޅިވަރުތަކަށް އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 12 އަހަރުން ދަށުގެ ކުދިން އެކި ކުޅިވަރުތަކުގައި ބައިވެރިކުރުމުން ތަފާތު ހުނަރުތައް ތަރައްގީވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ވާދަވެރި ފެންވަރެއްގައި ކުޅެން ފަށަންވާނީ ވަކި އުމުރަކަށް އެޅުމުންކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ ކަލަންޑަރު އެހެން އަހަރުތަކާ ތަފާތުކަން ފާހަގަކުރައްވައި ރާފިއު އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ދުވަސްތައް ވީހާވެސް ދިގުކުރެވޭނެ ގޮތަކަށް ބަލައިގެން ކުޅިވަރު ހަރަކާތްތައް ރޭވުމަށް ކުރިންވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.