ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 631 މިލިއަންގެ ފައިދާ، އެސެޓް 60 ބިލިއަނަށް!

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 631 މިލިއަންގެ ފައިދާ، އެސެޓް 60 ބިލިއަނަށް!

ވޭތުވެދިޔަ 2025 ވަނަ އަހަރު ހޯދި ރެކޯޑު ކާމިޔާބީއަށްފަހު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 879 މިލިއަން ރުފިޔާ ލިބިފައެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާ ހިމެނެއެވެ. ޚަރަދުތައް ކުޑަކޮށް، ހަރުދަނާކޮށް މެނޭޖްކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅުކުރެވިފައެވެ.

މި ކުއާޓަރުގައި ބޭންކަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބޭންކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރުމެވެ. 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާގެ ކުރިއެރުމަކާއެކު ޖުމްލަ އެސެޓް 60.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އާންމުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު މިހާރު ހުރީ 27.6 ބިލިއަން ރުފިޔާގައެވެ.

ބޭރު ފައިސާއަށް އޮތް ޑިމާންޑު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބީއެމްއެލް އިން ވަނީ 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިއްކާފައެވެ. އޭގެ ތެރޭގައި މުދާ އެތެރެކުރުމަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން ވިއްކި 106.2 މިލިއަން ޑޮލަރާއި، ކާޑުތައް މެދުވެރިކޮށް ކުރި މުއާމަލާތްތަކަށް ވިއްކި 119.9 މިލިއަން ޑޮލަރު ހިމެނެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ރާއްޖެއަށް އަންނަ ޑޮލަރުގެ މިންވަރު ތިންބައިކުޅައެއްބަޔަށް ދަށްވެފައިވާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ. މީގެ މުގާބިލުގައި ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާތީ، ޑޮލަރު ލިބޭ މިންވަރު މަދުވަމުންދާނަމަ ބޭރުފައިސާ ވިއްކާ އަދަދަށް ވަގުތީ ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގެ އިންޒާރު ބޭންކުން ދީފައިވެއެވެ. ނަމަވެސް އަސާސީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެކަމުގެ ޔަގީންކަން ބޭންކުން ދީފައިވެއެވެ.

އިގްތިސާދީ ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބީއެމްއެލްއިން ވަނީ މުޅިން އަލަށް 5 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ބޮޑު އަދަދެކެވެ.

ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް އޭޕްރީލް މަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6 އައު ބްރާންޗު ހުޅުވައި، 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބަހައްޓާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި މި އައު އޭޓީއެމްތަކާއެކު ބޭންކުގެ ވިއުގަ ވަނީ 253 ރުފިޔާ އޭޓީއެމް އަދި 86 ޑޮލަރު އޭޓީއެމްއަށް ފުޅާވެފައެވެ.

މީގެ އިތުރުން، ބޭންކުގެ އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާއާއި ޝެއަރ ސްޕްލިޓްގެ ނިންމުމާއެކު ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ބޮޑުތަނުން އުފުލިފައެވެ. އެގޮތުން ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި މާކެޓް ކެޕިޓަލައިޒޭޝަން، މި ކުއާޓަރުގެ ނިޔަލަށް ވަނީ 7.8 ގުނަ އިތުރުވެ، 28.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.