އަންނަ އަހަރުން ފެށިގެން ޤައުމީ ފުޓްސަލް ޓީމަށް މުސާރައާއި އިންޝުއަރެންސް ދެނީ
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އިންޝުއަރެންސް ދޭން ސަރުކާރުން ނިންމަވައިފިއެވެ.
މިކަން އިއުލާން ކުރައްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވަނީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި ހެލްތު އިންޝުއަރެންސް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ފުޓްސަލް ކުޅުންތެރިންނަށް މުސާރައާއި ސްޕޯޓްސް އެވޯޑު ފަދަ އިނާޔަތްތައް ނުލިބޭތީ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، މިހާރު އޮންނަ އުސޫލުތައް ނޭޝަނަލް ސްޕޯޓްސް ކައުންސިލް މެދުވެރިކޮށް މުރާޖަޢާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މުސާރަ ދެވޭ ފެންވަރަށް ކަންކަން ތަރުތީބުވުމަށްޓަކައި، ރަސްމީ ސިފައެއްގައި ހުޅުވާލެވިގެން ބޭއްވޭ ޤައުމީ މުބާރާތްތަކެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ދިއުން މުހިންމެވެ.
Ads by BMLރާއްޖޭގައި ފުޓްސަލްއަކީ އެންމެ ފޯރިގަދަ އެއް ކުޅިވަރު ނަމަވެސް، މީގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން މި ކުޅިވަރަށް ޚާއްޞަ ޤައުމީ ލީގެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޙްމަދު ޠާރިޤް (ޓޮމް) އެފްއޭއެމްއާ ހަވާލުވެވަޑައިގެންނެވި ފަހުން، ފުޓްސަލްއަށް އޭގެ ހައްޤު މަޤާމު ހޯދައިދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ ތެރޭގައި ޤައުމީ ފުޓްސަލް ލީގެއް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމު ވަނީ ޗައިނާއަށް ގޮސް ތަމްރީނުތަކެއްވެސް ފުރިހަމަކޮށްފައެވެ.
ވަޒީރު ރާފިއު ވިދާޅުވީ، އެފްއޭއެމްގެ ދަށުން ރަސްމީކޮށް ފުޓްސަލް ޓީމު ރަޖިސްޓަރީވެ، ލީގު ފެށިގެން ދިއުމަކީ ކުޅުންތެރިންނަށް މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ޤައުމީ އެތުލީޓުންނަށް ސަރުކާރުން ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސްގެ ފުރުޞަތު ފުޓްސަލް ކުޅުންތެރިންނަށްވެސް ލިބޭނެ މަގު މިހާރު ފަހިކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންނާއި ކުޅިވަރު އެތުލީޓުންނާ ގާތުން މަސައްކަތްކުރައްވާ ވަޒީރުގެ މި ނިންމެވުމާއެކު، ފުޓްސަލް ކުޅުންތެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް އަވަސް ހައްލެއް ލިބި، ރާއްޖޭގައި ފުޓްސަލްގެ މުސްތަޤުބަލު އިތުރަށް އުޖާލާވެގެންދާނެކަމުގެ އުންމީދު މިވަނީ އާވެފައެވެ.
Ads by MACL
