500 އެނދުގެ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ 500 އެނދުގެ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް އިޢުލާންކުރައްވާފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ބޮޑު މަޝްރޫޢު ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ ފައިސާ ހަމަޖެއްސުމާއި ފަންނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކަމަށެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމްވެސް ވަނީ، އުސޫލުތަކުގެ މަތިން މި މަޝްރޫޢުގެ ޕްރޮޕޯސަލްތައް ލިބެމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި ހޮސްޕިޓަލުގެ ޚިދުމަތް ރައްޔިތުންނަށް ފެނިގެންދިޔުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި އައު ހޮސްޕިޓަލަކީ ގިނަ ބަލިތަކަކަށް ޚާއްސަ ފަރުވާ ދެވޭނެހެން ފަރުމާކުރެވޭ ޒަމާނީ ފެންވަރުގެ ތަނެކެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ރޭޑިއޭޝަން ޗެމްބަރެއް މިތަނުގައި ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ޑިޕާޓްމަންޓްތަކެއްވެސް ހުންނާނެއެވެ.
Ads by BMLމި ހޮސްޕިޓަލުން ލިބޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:
-
މާބަނޑު މީހުންނާއި ދުވަސްނުފުރާ ވިހާ ކުދިންނަށް ބޭނުންވާ ފަރުވާ
-
އާއިލާ ރޭވުމުގެ ޚިދުމަތްތައް
-
ކުޑަކުދިންނަށް ޖެހޭ ޚާއްސަ ބަލިތަކަށް ފަރުވާދިނުން
-
އުރަމަތީގެ އަދި ރަހިމުގެ ދޮރުގެ ކެންސަރު ދެނެގަތުމުގެ ސްކްރީނިންގ
-
ދަރިމައިވުމުގެ މައްސަލަތަކަށް ހައްލު ހޯދައިދޭ އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތް
އާބާދީ ބޮޑުވަމުން އަންނަ ދެވަނަ ފިޔަވަހީގައި މިވަގުތު ސިއްޙީ ޚިދުމަތް ދިނުމަށް ހުންނަނީ ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަ ކްލިނިކެއް އެކަންޏެވެ. ނަމަވެސް އިތުރު ޖީޕީ ކްލިނިކެއް ހުޅުވުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މުޅިން އަލަށް އިމާރާތްކުރާ މި 500 އެނދުގެ ހޮސްޕިޓަލް ވެގެންދާނީ ފޭސް 2 ގައި ގާއިމުކުރެވޭ ފުރަތަމަ ފުރިހަމަ ހޮސްޕިޓަލަށެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 1 ގައި ހުންނަ ހޮސްޕިޓަލުގެ ގޯތިތެރޭގައިވެސް އިތުރު އިމާރާތެއް އެޅުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަށް ހުށަހަޅާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެކަން ހަމަޖެހުމާއެކު އެ އިމާރާތުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
