ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކި މީހަކު ހައްޔަރުކޮށްފި
ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކިކަމުގެ ތުހުމަތުގައި، ތ. ވިލުފުށީގެ ޒުވާނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ގަނެ ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގަކަށް ފަހުގައެވެ. މި ތަހުގީގުގެ ތެރެއިން އެ ވޮލެޓުން އާދަމް ޢަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތައް ފޮރެންސިކް ތަހުލީލުތަކުން ދެއްކި ގޮތުގައި، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތީގައި ހުއްޓެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ސީދާ ފެންނަ ވީޑިއޯތައް ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އާދަމް ޢަދްލާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
Ads by MACL
