ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕާއި ކުރިމަތިލާއިރު، ފްރާންސްގެ ފޯވާޑް ކުޅުންތެރިންގެ އަގު ބިލިއަން ޑޮލަރުގައި!

ވޯލްޑް ކަޕާއި ކުރިމަތިލާއިރު، ފްރާންސްގެ ފޯވާޑް ކުޅުންތެރިންގެ އަގު ބިލިއަން ޑޮލަރުގައި!

ކުރިއަށް އޮތް ވޯލްޑް ކަޕަށް ފްރާންސް އިން ކުރިމަތިލާއިރު، އެ ޓީމުގެ އެޓޭކިންގް ލައިންގައި ހިމެނޭ ކުޅުންތެރިންގެ އަގު ބިލިއަން ޑޮލަރަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ނުލިބޭ ފަދަ މުއްސަނދި ފޯވާޑް ލައިނެއް ފްރާންސްގައި އޮތްއިރު، މީގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އަރަމުން އަންނަ ތަރި ޑެސިރޭ ދޫއޭ ހިމެނެއެވެ.

ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖޫން 16 ވަނަ ދުވަހު ސެނެގާލާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާނެ ކުޅުންތެރިން ކަނޑައެޅުމެވެ. ރެއާލް މެޑްރިޑާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭއަށް، ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި އޮލިވިއޭ ޖިރޫގެ ރެކޯޑާ އަރާ ހަމަކުރުމަށް ބޭނުންވަނީ އެންމެ ލަނޑެކެވެ.

އަގުބޮޑު ތަރިންގެ ލިސްޓު


ޓްރާންސްފާ މާކެޓް އަދި ސީއައިއީއެސް ފުޓްބޯޅަ އޮބްޒަވޭޓްރީގެ އަންދާޒާ ތަކުން ދައްކާގޮތުގައި، ފްރާންސްގެ އެޓޭކިންގް 10 ކުޅުންތެރިންގެ ޖުމްލަ އަގު އުޅެނީ 855 މިލިއަން ޔޫރޯގައެވެ. މިއީ ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 200 މިލިއަން ޔޫރޯގެ އަގަކާއެކު އެމްބާޕޭއެވެ.

އެމްބާޕޭގެ ފަހަތުން ބަޔާން މިއުނިކްގެ މައިކަލް އޮލީޒޭ 140 މިލިއަން ޔޫރޯގައި އުޅޭއިރު، ޕީއެސްޖީގެ ޒުވާން ތަރި ޑޫއޭގެ އަގު އުޅެނީ 115 މިލިއަން ޔޫރޯގައެވެ. މީގެ އިތުރުން އޮސްމާން ޑެމްބެލޭ، ބްރެޑްލީ ބާކޯލާ އަދި ރަޔާން ޗެރްކީ ފަދަ ކުޅުންތެރިންނަކީ ބޮޑެތި އަގުތަކެއްގައި ކްލަބްތަކުން ބޭނުންވާ ހުނަރުވެރި ކުޅުންތެރިންނެވެ.

ޗެރްކީ އާއި އަކްލިއޫޝްގެ ކުރިއެރުން


މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ވިދާލާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީއަށް ބަދަލުވި ރަޔާން ޗެރްކީއެވެ. އޭނާގެ ހުނަރަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވަނީ ތައުރީފުކޮށްފައެވެ. މީގެ އިތުރުން މޮނާކޯގެ މެގްނޭސް އަކްލިއޫޝް އަކީވެސް ޗެމްޕިއަންސް ލީގުގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު 50 މިލިއަން ޔޫރޯގެ އަގަކަށް އުފުލިފައިވާ ކުޅުންތެރިއެކެވެ.

"ފްރާންސްގެ މި އެޓޭކިންގް ލައިނަކީ ކޮންމެ ޓީމަކުންވެސް ބޭނުންވާނެ އެޓޭކިންގް ލައިނެއް. މި ހުވަފެން ހަމަ ކޮންމެ ގައުމަކުންވެސް ދެކޭނެ،" ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ހުނަރުވެރި ކުޅުންތެރިންނާއެކު ފްރާންސް މިފަހަރުގެ މުބާރާތަށް ނުކުންނަނީ ތަށި ހޯދުމުގެ ވަރުގަދަ އަޒުމެއްގައެވެ.