ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިޔާސީ މަގާމުތަކަށް އިލްމީ މިންގަނޑެއް ކަނޑައެޅުއްވުމަކީ ޒަމާންވީ ޝަކުވާއަށް ލިބުނު ހައްލެއް: ނިހާން

ސިޔާސީ މަގާމުތަކަށް އިލްމީ މިންގަނޑެއް ކަނޑައެޅުއްވުމަކީ ޒަމާންވީ ޝަކުވާއަށް ލިބުނު ހައްލެއް: ނިހާން

ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމުގައި އިލްމީ ފެންވަރަށް ރިއާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ އާއްމުން ބަލައިގަންްނާނެ، ހަރުދަނާ އިސްލާހީ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ އިސްވެރިޔާ އަހްްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމުގައި ބައްލަވާނެ އަސާސީ މިންގަނޑުތަކެއް ހާމަކުރައްވާފަ އެވެ.

އެގޮތުން ސްޓޭޓު މިނިސްޓަރު ފެންވަރުގެ މަގާމުތަކަށް އައްޔަންކުރައްވާނީ ދަށްވެގެން މާސްޓާސް ޑިގުރީ ހާސިލުކޮށްފައިވާ މީހުން ކަމަށާއި، ވަޒީރުންގެ މަގާމަށް އައްޔަން ކުރާނީ ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވާ މީހުން ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، މިއީ މިއަދު ކޮންމެހެން ނިންމަވަންޖެހިފައިވާ ކަމެއް ކަމަށެވެ. ރާއްޖޭގެ އާއިލާތަކުން ދަރިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެތައް އަހަރަކު ގިނަ ގުރުބާނީތަކެއް ވެފައިވީ ނަމަވެސް، ވަޒީފާ ދިނުމުގައި ތައުލީމަށް އެކަށީގެންވާ ބުރަދަނެއް ނުދެވުމަކީ ރައްޔިތުންގެ ޒަމާންްވީ ޝަކުވާއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ވިސްނުންތައް އިސްކުރެވުމަކީ ރައްޔިތުންގެ ނުރުހުން އަމާޒުވާ ކަމެއް،" ނިހާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ސާފު އިލްމީ މިންގަނޑެއް ކަނޑައެޅުއްވުމަކީ މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު އިއާދަކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ނިހާން ފާހަގަކުރެއްވި ގޮތުގައި ތައުލީމާއި ޤާބިލްކަމަަށް ބަލާ މަޤާމުތައް ހަވާލުކުރުމަކީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ. އަދި މި ބަދަލާއެކު ތަޢުލީމުގެ މުހިންމުކަން ވަޒަންކުރެވި، މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކާއި ބެލެނިވެރީންނަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.