ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް
ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމެވެ. ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތް ނެގެހެެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
Ads by BMLކޮންމެ އަހަރެއްގެވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާއި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރު އެޅުމުގެގޮތުންނެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ، މަސްވެރިކަމުގެ ފަޚުރުވެރި ތާރީހެއް އޮތް ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މަސް ބާނަނީ ދޮށީގައި ފަހަރަކު މަހެކެވެ. މިއީ ދެމެހެއްޓެނިވި މަސްވެރިކަމެކެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މި މަސައްކަތްކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށެވެ.
Ads by MACL
