ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ އޭޓީއެމް އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ސިޔާސީ ނިންމުންތަކެއް ނޫން: ސީއީއޯ ޝަރީފް

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް---
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް---

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށާއި، ބޯހިޔާވަހިކަމުގެ ދާއިރާއަށް ވަނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމި ނިންމުންތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ނުފޫޒެއް އޮވެގެން ނިންމި ނިންމުންތަކެއް ނޫންކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ބޭންކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަރީފް ވިދާޅުވީ، އެ ނިންމުންތަކަކީ ބޭންކުގެ ބޯޑުންނާއި މެނޭޖްމަންޓުން ވަރަށް ފުޅާކޮށް ދިރާސާކުރުމަށްފަހު، ވިޔަފާރީގެ ގޮތުން ބޭންކަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނާތީ ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އެއީ ބޭންކުގެ މުސްތަގުބަލާއި ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގައި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްދަނީ ސަރުކާރުގެ ވަރަށް ބޮޑު މާލީ އިންވެސްޓްމަންޓަކާ އެކުގައި ކަމަށެވެ. އެހެންކަމުން އެކަމުގެ ކްރެޑިޓް ސަރުކާރަށް ނެގިދާނެ ކަމަށާއި، ނަމަވެސް ބޭންކުން އެ މަޝްރޫއުގައި ބައިވެރިވީ އޭގެ ސަބަބުން ބޭންކަށް ލިބެން ހުރި މާލީ މަންފާތަކަށް ބެލުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާތަނަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ޕްރޮގްރާމުގެ ދަށުން 20 އަތޮޅެއްގެ 105 ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހޯމް ކޮންސްޓްރަކްޝަން ލޯނުތައް ބޭންކުން ތައާރަފުކޮށްފައިވާއިރު، އެ ދާއިރާގައި ބޭންކުގެ ހިއްސާ ބޮޑުކުރުމަށްޓަކައި "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" ގެ ނަމުގައި ހާއްސަ ސަބްސިޑިއަރީ ކުންފުންޏެއްވެސް ވަނީ އުފައްދާފައެވެ. ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ކުންފުނި މެދުވެރިކޮށް ރާއްޖޭގައި 3,260 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.