ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރަށް މަތިކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯނުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުގެ ގޮތުން، އެ ބޭންކުން ލޯނު ދޫކުރާ މީހުންގެ އެންމެ މަތީ އުމުރު 75 އަހަރަށް މަތިކުރުމަށް މިއަދު ނިންމައިފިއެވެ.
މިއަދު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި މުހިންމު ބަދަލު ގެންނަން ބޭންކުގެ ބޯޑުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން އައީ އުމުރުން 60 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ގެދޮރު ބިނާކުރުމާއި ގަތުމުގެ އިތުރުން އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމުގައި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ މަގުތަކެއް ހުޅުވައިދިނުމެވެ. އަދި އާމްދަނީއެއް ލިބޭނަމަ، 75 އަހަރުން މަތީގެ މީހުންނަށްވެސް ދެން ކްރެޑިޓް ކާޑު ދޫކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުންވެސް އާންމުންނަށް ފައިދާހުރި މުހިންމު ބަދަލުތަކެއް މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ޚާއްޞަ ލުޔެއް ވަނީ ދީފައެވެ. ޝަރީފް ވިދާޅުވީ، މި ފަރާތްތަކުން ޑޮލަރުން ލޯނު އަދާކުރަން ބޭނުންވާނަމަ، 1.5 އިންސައްތައިގެ ކުޑަކުރުމަކާއެކު ލޯނު ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ބޭންކުގެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިންޓްރެސްޓް ރޭޓުތައް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ބޭންކުން ނުގެންގުޅޭ ކަމަށެވެ. އަދި މިހާރުވެސް ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނުތަކަކީ ރާއްޖޭގައި އެންމެ ކުޑަ ރޭޓު އަދި އެންމެ ކުޑަ އިކުއިޓީގައި ދޫކުރާ ލޯނުތަކެއްކަން ފާހަގަކުރައްވައި، ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ބޭންކުން ދެމުން އަންނަކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްއިން ލޯނު ދޫކުރާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 5 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިންގ ވަނީ އަލަށް ދޫކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 50 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 28 ބިލިއަން ރުފިޔާއަށް އަރައެވެ.
Ads by MACL
