މަސްވެރިކަމުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް މެމްބަރ އަލްސަން ހުށައަޅުއްވައިފި
މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށް ބިލް ހުށައެޅުއްވި ގދ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދެވެ.
ބިލު ހުށަހަޅުއްވައިދެއްވައި ވާހަކަދައްކަވަމުން އަލްސަން ވިދާޅުވީ މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.
Ads by BMLއަދި މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރެވި ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށާއި މި ބިލުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި އެކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައް ހިމެނިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތްތަކުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، އަދި އެ މަސްވެރިކަމުގެ ސަބަބުން އެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން ޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއް މި ބިލުގައި ބަޔާންކޮށްފައިވުމީވެސް މި ބިލު މުހިންމުވާ ސަބަބެއް،" މެންބަރު އަލްސަން ވިދާޅުވިއެވެ.
ޖުމްލަކޮށް މި ބިލާއި މެދު ހުރިހާ މެމްބަރުން ވިދާޅުވީ މިއީ މަސްވެރިކަމުގެ ގާނޫނަށް ގެންނަން ފެންނަ މުހިންމު އިސްލާހެއް ކަމަށެވެ. އަދި މި ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ ބަދަލުތަކެއް ގެންނަވާނެކަމަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
