ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ދުރުކުރަން އުޅޭކަމުގެ އަޑުތައް ފަލާހު ދޮގުކުރައްވައިފި

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --- ފައިލް ފޮޓޯ: މަޖިލިސް
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --- ފައިލް ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީގެ ތެރެއިން ކުރަމުންދާ ކަމަށް ފެތުރިފައިވާ ވާހަކަތައް، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ، ނާޒިމް މަގާމުން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ވިސްނުމެއް އަދި އެފަދަ އެއްވެސް ހަރަކާތެއް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ނުހިނގާ ކަމަށް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭކަމުގެ އަޑުތައް ގަދަވެފައި މިވަނީ، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އިއްޔެގެ ވަގުތެއްގައި އޭނާ ވަކިކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން، ސަރުކާރަށް ގެއްލުންވާ ފަދަ ގޮތަކަށް ނާޒިމް މަޖިލީހުގެ ތެރެއިން އަމަލުކުރައްވާ ކަމަށް ތުހުމަތުކޮށް، ޕީއެންސީގެ ބައެއް މެމްބަރުން އޭނާއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަމަށްވެސް ވަނީ މައުލޫމާތު ފެތުރިފައެވެ. އަދި ނާޒިމް މަގާމުން ދުރުކުރަން އުޅެނީ އެ ސަބަބާ ހުރެކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ފަލާހު މިއަދު ދެއްވި ޔަގީންކަމާއެކު، ނާޒިމްގެ މަގާމަށް އެއްވެސް ނުރައްކަލެއް ނެތްކަން މިވަނީ ހާމަވެފައެވެ.