ދަނާލުގައި ނިޔާވި ޒުވާނާއާ ގުޅުވައިގެން ދޮގު ވާހަކަތައް ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ގައުމީ ޔުނިވަސިޓީގެ ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާއާ ގުޅުވައިގެން، ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ވީޑިއޯތައް ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މާލޭގައި ކިޔަވާ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި ހިނގި މި ހިތާމަވެރި ހާދިސާގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ. އަދި މި މައްސަލައާ ގުޅުންހުރި އެންމެހާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް، ސާބިތު ނުހިފޭ ތަފާތު ވާހަކަތަކާއި އެކި ކަހަލަ ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ކަށަވަރު ނުކުރެވޭ މިފަދަ ދޮގު މައުލޫމާތުތައް ފެތުރުމަކީ މަރުހޫމާގެ އާއިލާއަށް އޭގެ ސަބަބުން ނުހަނު ބޮޑު ހިތާމައަކާއި އިތުރު ހިތްދަތިކަމެއް ލިބިގެންދާނެ ކަމެކެވެ.
Ads by BMLމީގެ އިތުރުން، އާންމުންގެ ތެރޭގައި ފެތުރޭ މިފަދަ ސައްހަ ނޫން ވާހަކަތަކުގެ ސަބަބުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށްވެސް ހުރަސްއެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، އެފަދަ އަމަލުތައް ނުކުރުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ގޮވާލާފައެވެ.
Ads by MACL
