ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޝީދާއި ފައްޔާޒް، ނިޒާމީ ބަދަލުތަކެއް ހުށަހެޅުއްވީ އެއްވެސް މަޝްވަރާއެއްނެތި: މީކާއީލް

ފައްޔާޒާއި ނަޝީދު ބޭއްވިގެ ޕްރެސް ކޮންފަރެންސް --  ފޮޓޯ: މިހާރު
ފައްޔާޒާއި ނަޝީދު ބޭއްވިގެ ޕްރެސް ކޮންފަރެންސް -- ފޮޓޯ: މިހާރު

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި ހުށަހެޅުންތަކަކީ ޕާޓީގެ އެއްވެސް ގުނަވަނަކާ ނުވަތަ އާންމު މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ހުށަހެޅުއްވި ކަންތައްތަކެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފާޑުވިދާޅުވެއްޖެއެވެ.

މީކާއީލް މިކަމަށް ފާޑުވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވުމަށް އޭނާ ފެއްޓެވި "އިތުބާރު" ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެހެން ސިޔާސީ ޕާޓީތަކާ ޚިލާފަށް އަބަދުވެސް އާންމު މެމްބަރުންގެ ބަސް ހޯދައިގެން، "ތިރިން މައްޗަށް" ހިނގާ ޕާޓީއެކެވެ. އެހެންނަމަވެސް، ނަޝީދާއި ފައްޔާޒުގެ ނިންމެވުންތައް އައިސްފައިވަނީ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެމްބަރުންގެ އެއްވެސް މަޝްވަރާއެއް ނެތި "މަތިން ތިރިއަށް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ އޭނާގެ މިވަގުތުގެ ހުރިހާ ވިސްނުމެއް ހުރީ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަށް ކަމަށެވެ. އަދި އެ މަގާމަށް ވާދަކުރައްވާ ބޭފުޅެއްގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ޕާޓީ ހިންގާނެ ގޮތާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނެ ގޮތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ބޮޑު ބަދަލު"ގެ ނަމުގައި ނަޝީދާއި ފައްޔާޒު ގުޅިވަޑައިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ.

އެގޮތުން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓުން ހޮވުމަށާއި، ދައުލަތުގެ ވެރިޔާ އިންތިޚާބުކުރާނީ މަޖިލީހާއި ލޯކަލް ކައުންސިލްތައް ގުޅިގެން ނަގާ ވޯޓަކުން ކަމަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ބަދަލުތަކަކީ:

  • ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ހެދުން.

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލްކޮށް، މަޖިލީހުގެ އެކުލެވުން ބަދަލުކުރުން.

  • ސަރުކާރާއި މަޖިލީހުގެ ބާރުތައް ކުޑަކުރުން.

  • ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ ވޯޓަކަށް ދޫކޮށްލުން.

  • ދައުލަތުގެ މާލިއްޔަތާ ގުޅޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭ ގޮތަށް ބަދަލުކުރުން.

މި ހުށަހެޅުންތަކަކީ ބަރުލަމާނީ ނިޒާމެއްގެ ސިފަތައްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ ވެރިޔާ ހޮވުމަކީ ބަރުލަމާނީ ސިފައެއް ނޫން ކަމަށެވެ. ސަބަބަކީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ވެރިޔާއަކީ މަޖިލީހުގެ މެމްބަރަކަށް ވާންޖެހޭތީއެވެ. އެހެންކަމުން މިއީ ރާއްޖެއާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ "މަސްހުނި" ނިޒާމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިއީ 2028 ވަނަ އަހަރުގެ ފަހަށް ފަސްކުރަންޖެހޭ ކަންކަން ނޫން ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް މިކަމާ ގުޅޭ މަޝްވަރާތައް ފެށުމަށްޓަކައި، މި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.