ހޯރްމުޒް ކަނޑުއޮޅީގެ މައިންތައް ނައްތާލަން އެމެރިކާއިން ރޮބޮޓް ޑްރޯން ބޭނުންކުރަން ފަށައިފި
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ މުހިންމު މަގެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި، ވިޔަފާރި ބޯޓުފަހަރަށް އަލުން ހުޅުވާލުމަށްޓަކައި އެމެރިކާގެ ކަނޑުގެ ސިފައިން (ނޭވީ) އިން މައިން ނައްތާލާ ރޮބޮޓް ޑްރޯންތަކެއް ބޭނުންކޮށްގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ މައިގަނޑު މަޤްސަދަކީ އެ ސަރަހައްދަށް އީރާނުން ފޯރުވަމުންދާ ނުފޫޒު ކުޑަކޮށް، ދަތުރުފަތުރުކުރާ މައި މަގުތައް އަމާންކުރުމެވެ. އީރާނުން ވަނީ ހޮނިހިރު ދުވަހު ކަނޑުއޮޅި ބަންދުކޮށް، ދެ ވިޔަފާރި އުޅަނދަކަށް ބަޑިޖަހާފައެވެ. އަދި މައި ޗެނަލްތަކުގައި މައިން ހުރިކަމުގެ އިންޒާރުދީ، ބޯޓުފަހަރު ދަތުރުކުރުމަށް އީރާނުގެ އައްސޭރިފަށުން އާ ލޭންތަކެއް ވަނީ ކަނޑައަޅާފައެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި މީހުން ތިބޭ އުޅަނދުތަކާއި ޑްރޯންތައް ގުޅިގެން ހަރަކާތްތެރިވާނެއެވެ. އެމެރިކާ ނޭވީގައި ކުރިން ބޭނުންކުރި މައިންސްވީޕަރުތައް މިހާރު މަދުވުމާއެކު، އެންމެ ބޮޑަށް ބަރޯސާވަނީ ސޯނާ ހަރުކޮށްފައިވާ ޑްރޯންތަކަށެވެ. މީގެ ސަބަބުން ސިފައިންގެ ފުރާނައަށް ނުރައްކާވުމެއް ނެތި ކަނޑުގެ އަޑި ސްކޭންކުރެވޭނެއެވެ.
Ads by BMLތަޖުރިބާކާރުން ބުނާ ގޮތުގައި މި އޮޕަރޭޝަން ކުރިއަށްދާނީ ދެ މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާގައި ޑްރޯންތައް ބޭނުންކޮށްގެން ސްކޭންކޮށް މައިންތައް ހުރި ތަން ދެނެގަންނާނެއެވެ. އެއަށްފަހު، ރޮބޮޓް ފޮނުވައިގެން ގޮއްވާލާ ޒާތުގެ ތަކެތި ބޭނުންކޮށްގެން ނުވަތަ ދުރުން ކޮންޓްރޯލްކޮށްގެން އެ މައިންތައް ނައްތާލާނެއެވެ.
އެމެރިކާގެ ފިފްތު ފްލީޓްގެ ކުރީގެ ކޮމާންޑަރު، ވައިސް އެޑްމިރަލް ކެވިން ޑޮނަގަން ވިދާޅުވީ، ކަނޑުއަޑީގައި ދުއްވާ ޑްރޯންތައް ބޭނުންކުރުމުން، ހަފްތާތަކެއްގެ ބަދަލުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗެނަލްތައް ސަރވޭ ކުރެވޭނެ ކަމަށެވެ. އަދި އެއް ލޭން ސާފުކުރެވުމުން ބޯޓުފަހަރަށް ދަތުރުކުރަން ފެށި، މަޑުމަޑުން އެ މަގު ފުޅާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އިންޓެލިޖެންސްއިން ލަފާކުރާ ގޮތުގައި އީރާނުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މައިން ވަޅުލާފައެއް ނުވެއެވެ. ބޮޑެތި މަނަވަރުތަކުގެ ބަދަލުގައި، މަސްދޯނިފަހަރު ނުވަތަ ކުދި ބޯޓުތައް ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތުގައި ސިއްރުން 12 އާއި 24 އާ ދެމެދުގެ އަދަދަކަށް މައިން އެޅި ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގެ އެހީގައި އީރާނުން ހުރިހާ މައިނެއް ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޝިޕްއޯނަރުންގެ ޖަމިއްޔާ، 'ބިމްކޯ' ފަދަ ފަރާތްތަކުން ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި، މައިންގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް އިންޒާރުދީފައެވެ.
ހޯރްމުޒް ކަނޑުއޮޅިއަކީ އާންމުކޮށް ދުވާލެއްގެ މައްޗަށް 130 ޓޭންކަރު ދަތުރުކުރާ މަގެކެވެ. ނަމަވެސް މިހާރު މި އަދަދު ވަރަށް ބޮޑަށް ދަށަށްގޮސް، ބޮޑެތި ގިނަ ބޯޓުތައް ތާށިވެފައިވަނީ ގަލްފް ސަރަހައްދުގައެވެ. މުޙައްލިލުން ދެކޭގޮތުގައި އެމެރިކާގެ މި ރޮބޮޓް އޮޕަރޭޝަނަކީ، ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ހޯދައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ހަމަޖެހުން ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
Ads by MACL
