ދެން އަލުން ހަނގުރާމަ ފަށައިފި ނަމަ އެމެރިކާއާއި އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަވާނެ: އީރާން
ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އަލުން ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާއާއި އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރަށް އޮތް ކަމަށް އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ސިކުންތުކޮޅުން ފެށިގެން އީރާނުން ރައްދު ދޭން ފަށާނެއެވެ.
ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ، އީރާނުގެ އަސްކަރިއްޔާ އޮތީ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރުވެގެން ކަމަށެވެ. އަދި ހަނގުރާމައެއް ފެށިއްޖެނަމަ "ނަރަކައިގެ ހަގީގީ ހޫނު" އެމެރިކާއާއި އިސްރާއީލަށް ދައްކާލާނެ ކަމުގެ އިންޒާރު އެ ގައުމުގެ މަސްދަރުތަކުން ވަނީ ދީފައެވެ.
Ads by BMLމި ހަރުކަށި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ދެކޭގޮތުގައި އެމެރިކާއާއި އިސްރާއީލަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
އީރާނުގެ މި ބަޔާނާ ގުޅިގެން އެމެރިކާއިން ނުވަތަ އިސްރާއީލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިފަދަ އިންޒާރުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތީ މަސްރަހަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ.
Ads by MACL
