މި އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ކުޅޭ ފުރަތަމަ މެޗުގެ ޓިކެޓް ވިކޭ މިންވަރު ދަށް!
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގެ ޓިކެޓް ވިކޭ މިންވަރު، އެހެން މެޗުތަކާ އަޅާބަލާއިރު ދަށްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ޕެރަގުއާއީއާ ދެކޮޅަށް އެމެރިކާ ކުޅޭ މި މެޗުގެ ޑިމާންޑް ދަށްވެފައިވަނީ ޓިކެޓްގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އިންތިޒާމުކުރާ ފަރާތްތަކަށް ފޮނުވާފައިވާ ލިޔުމަކާ ހަވާލާދީ 'ދަ އެތުލެޓިކް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕްރީލް 10 އާ ހަމައަށް އެމެރިކާގެ ފުރަތަމަ މެޗަށް ވިކިފައިވަނީ 40,934 ޓިކެޓެވެ. މިއާ ހިލާފަށް، ހަމަ އެ ސްޓޭޑިއަމްގައި އޭގެ ތިން ދުވަސް ފަހުން ކުޅޭ އީރާނާއި ނިއުޒީލެންޑް ބައްދަލުކުރާ މެޗަށް ވަނީ 50,661 ޓިކެޓް ވިކިފައެވެ. ސޯފައި ސްޓޭޑިއަމްއަކީ 69,650 މީހުންގެ ޖާގައިގެ ތަނެކެވެ.
Ads by BMLމި ތަފާސްހިސާބުތަކާ ގުޅިގެން ފީފާގެ ތަރުޖަމާނަކު ވަނީ އެ ލިޔުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. ފީފާއިން ބުނާ ގޮތުގައި ވޯލްޑް ކަޕްގެ ހުރިހާ މެޗަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އާންމުވެފައިވާ ހިސާބުތަކަކީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުތަކެއް ކަމަށެވެ. ނަމަވެސް، އެމެރިކާގެ މެޗުގެ ޓިކެޓްތައް އަދިވެސް ގަންނަން ލިބެން ހުރުމަކީ ޑިމާންޑް ދަށްކަން ހާމަވާ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.
އެމެރިކާގެ ފުރަތަމަ މެޗުގެ ޓިކެޓްތަކަކީ މުޅި މުބާރާތުގައިވެސް ތިންވަނައަށް އެންމެ އަގުބޮޑު ޓިކެޓްތަކެވެ. ކެޓަގަރީ 1 ގެ ޓިކެޓެއް 2,730 ޑޮލަރަށް ހުރިއިރު، ކެޓަގަރީ 2 ގެ ޓިކެޓެއްގެ އަގަކީ 1,940 ޑޮލަރެވެ. އެހެން މެޗުތަކުގެ ޓިކެޓް އަގުތައް އުފުލެމުންދާއިރު، އެމެރިކާ މެޗުގެ ޓިކެޓް އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީވެސް ޑިމާންޑް ދަށްވުމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ފީފާގެ ޕޯޓަލްއިން ޓިކެޓް ވިކޭ މިންވަރު މަޑުޖެހިފައިވާއިރު، ރީސޭލް މާކެޓުގައިވެސް އެތައް ހާސް ޓިކެޓެއް އަދިވެސް އެބަހުއްޓެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ މުޅި މުބާރާތުގެ 6.7 މިލިއަން ޓިކެޓްގެ ތެރެއިން 5 މިލިއަނެއްހާ ޓިކެޓް މިހާރުވެސް ވިކިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ފުރަތަމަ މެޗަށް އޮތް ތަރުހީބު ކުޑަވުމަކީ އިންތިޒާމުކުރާ ފަރާތްތަކަށް އޮތް ކަންބޮޑުވުމެކެވެ.
Ads by MACL
