އެމްޕީއެލަށް ޝަފީގް: މެރިޓައިމް އާއި ޝިޕިން ދާއިރާގެ ތަޖުރިބާކާރެއް!
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މެރިޓައިމް އާއި ޝިޕިން ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ކުންފުނީގެ އާ އެމްޑީގެ ގޮތުގައި އަލްފާޟިލް ހުސައިން ޝަފީގު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދުން ފެށިގެން ޝަފީގު އައްޔަންކުރަން ނިންމާފައިވާ ކަމަށެވެ.
ކަނޑުދަތުރުފަތުރުގެ ދާއިރާއިން "މާސްޓާ މެރިނާ" އެއްގެ މަގާމު ހާސިލުކުރައްވާފައިވާ ޝަފީގަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ "މަހަޖައްރާފު" ގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި، އޮޕަރޭޝަނަލް އަދި ޓެކްނިކަލް ގޮތުން މި ދާއިރާގެ ފުރިހަމަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
Ads by BMLތައުލީމީ ގޮތުން ބަލާއިރު ޝަފީގު ވަނީ ސްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރުން، މެރިޓައިމް ސައިންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ ފުރިހަމަކުރައްވާފައެވެ. އޭނާގެ ތަޖުރިބާގެ ތެރޭގައި މެރިޓައިމް އޮޕަރޭޝަންތަކުގެ ފީސިބިލިޓީ ދިރާސާކުރުމާއި، ބައިނަލްއަގުވާމީ ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް މަޝްރޫއުތައް ރާވައި ހިންގުން ހިމެނެއެވެ. މީގެ އިތުރުން ފަންނީ މައްސަލަތައް ހައްލުކުރުމާއި ކުއްލި ހާލަތްތައް މެނޭޖުކުރުމުގައި އޭނާއަކީ ގާބިލު ބޭފުޅެކެވެ.
ޝަފީގަކީ އުޅަނދުފަހަރުގެ އިންސްޕެކްޝަންތަކާއި ސާވޭތައް ހެއްދެވުމުގެ އިތުރުން، މުދާ އުފުލުމުގައި ބޭނުންކުރާ ބައިނަލްއަގުވާމީ ސޭފްޓީ މިންގަނޑުތަކަށް ވަރަށް ބޮޑަށް އަހުލުވެރި ބޭފުޅެކެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އާ އެމްޑީއާއެކު އެމްޕީއެލްގެ އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.
Ads by MACL
