ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުން ޖުމްލަ 11 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިޕޯ ބްރޫނެލެސްކީ" (FILIPPO BRUNELLESCHI) ކޮންނަބޯޓު ބޭނުންކޮށްގެންނެވެ. މި ބޯޓުން ވަނީ ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ގާދިއްފުށީގެ ބިމަށް އަޅާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތް މެދުނުކެނޑި ކުރިއަށްގެންގޮސް، އެންމެ 8 ދުވަހުގެ ތެރޭގައި، އޭޕްރީލް 18 ވަނަ ދުވަހު ވަނީ މުޅި މަޝްރޫޢު އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢު ނިމުމަކަށް އައުމާއެކު، ގާދިއްފުށީގެ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
Ads by MACL
