ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ އާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސްލީޑާޝިޕްގެ މުހިންމު މަގާމެއް ކަމަށްވާ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ.

މި މަގާމަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭނެ ކަމަށް ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމެއް މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުށާއި ދަރަނީގެ ރެކޯޑުތައް ހުށަހަޅަން ޖެހޭނެ އެވެ. އެމްޑީޕީން ބުނި ގޮތުގައި މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ. މި ބޭފުޅުން މިހާރު ވެސް އަންނަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.

ފައްޔާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެން ޕާޓީ ހިންގެވުމުގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.