ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިނގިރޭސީންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ ކަމާމެދު ކަޕެއްލޯ ސުވާލު އުފައްދައިފި

އިނގެރޭސި ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ
އިނގެރޭސި ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ، މި އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އިނގިރޭސިވިލާތަށް އޮތް ފުރުސަތުތަކާ މެދު ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާގެ ހިޔާލު ފާޅުކޮށްފިއެވެ. ދުބާއީގައި ވާހަކަ ދައްކަމުން ކަޕެއްލޯ ބުނީ އިނގިރޭސި ޓީމަށް އަބަދުވެސް ދިމާވަނީ އެއް މައްސަލަތަކެއް ކަމަށެވެ.

އުމުރުން 79 އަހަރުގެ ލެޖެންޑަރީ ކޯޗު ކަޕެއްލޯ ފާހަގަކުރި ގޮތުގައި، އިނގިރޭސި ޓީމު ބޮޑެތި މުބާރާތްތަކާ ކުރިމަތިލާއިރު ފެންނަނީ ފިޒިކަލީ ވަރަށް ބޮޑަށް ވަރުބަލިވެފައި ތިބޭ ތަނެވެ.

"އަބަދުވެސް ފެންނަނީ އެއްގޮތަކަށް، ފިޒިކަލީ މުޅިން ފިޓު ނޫންގޮތަށް، އެހެންވެ އިނގިރޭސިވިލާތް ވޯލްޑް ކަޕަށް އަންނަނީ ވަރުބަލިކަމާއެކު،" ކަޕެއްލޯ ބުންޏެވެ.

އިނގިރޭސި ޓީމުން ކުޅެނީ ވެސް ބިރުގަނެފައި ތިބެގެން ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

ކަޕެއްލޯ އިތުރަށް ހަނދާން އައު ކުރީ 2021 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި އިޓަލީއާ ދެކޮޅަށް އިނގިރޭސިވިލާތް ކުޅުނު މެޗެވެ. އޭނާ ބުނި ގޮތުގައި އެ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ކުރި ހޯދާފައި އޮތް ނަމަވެސް، 10 ވަރަކަށް މިނެޓަށް ފަހު އިނގިރޭސި ކުޅުންތެރިންގެ ކިބައިން ފެނުނީ ބިރުވެރިކަމެވެ. އެ މެޗުން އިނގިރޭސިވިލާތް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އިނގިރޭސި ޓީމުގެ ތާރީޚަށް ބަލާއިރު، 2008 ވަނަ އަހަރުގެ ޔޫރޯއަށް ކޮލިފައި ނުވުމުން ޓީމާ ހަވާލުވީ ކަޕެއްލޯއެވެ. އޭނާގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އާ ހަމައަށް ދަތުރުކުރި ނަމަވެސް، ޖަރުމަނު އަތުން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ. އޭގެ ފަހުން ރޯއީ ހޮޖްސަން އަދި ގަރެތު ސައުތުގޭޓް ވަނީ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ.

މިހާރު އިނގިރޭސި ޓީމުގެ ކޯޗަކީ ތޯމަސް ޓުޗެލްއެވެ. 2024 ވަނަ އަހަރު ޓީމާ ހަވާލުވި ފަހުން އޭނާ ވަނީ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ. ކުރިއަށް އޮތް ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ވާ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށެވެ.