ޖިނާއީ މައްސަލަތައް އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ އުސޫލަށް ބަދަލު ގެނެސްފި
ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލު ކުރެވޭ އުސޫލަށް ސުޕްރީމް ކޯޓުން މިއަދު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ތެރެއިންނެވެ.
މި ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރަކު ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ދިގު ޗުއްޓީއަކަށް ގޮސްފިނަމަ ނުވަތަ ދިގު މުއްދަތުގެ ޕްރޮގްރާމަކަށް ފަނޑިޔާރު ވީއްލާފައިވާނަމަ، އެ ފަނޑިޔާރު ބަލަމުންދާ މައްސަލަތައް އެހެން ފަނޑިޔާރަކާ ހަވާލު ކުރެވިދާނެއެވެ.
މީގެ އިތުރުން، އެއް ހާދިސާއަކާ ގުޅިގެން އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލާ ހާލަތާއި، ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތުގައި ވެސް އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެވިދާނެ ކަމަށް އެ އިސްލާހުގައިވެއެވެ.
Ads by BMLޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލު ކުރެވޭނީ ވަރަށް މަދު ހާލަތްތަކެއްގައެވެ. އޭގެ ތެރޭގައި މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރުން، މަގާމުން ވަކިކުރުން، މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ މައްސަލައަކުން ފަނޑިޔާރަކު ތަނާޒުލްވާން ޖެހުން ފަދަ ހާލަތްތައް ހިމެނެއެވެ.
އަލަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މިފަދަ ހާލަތްތަކުގައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް މެޖިސްޓްރޭޓެވެ. މި ބަދަލުގެ ސަބަބުން ކޯޓުތަކުގައި ހުރި މައްސަލަތައް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
