ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި
ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް މުހިންމު އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، ޝަކުވާތައް ބެލުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.
އަލަށް ހުށަހެޅި އިސްލާހުގެ ދަށުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު މައްސަލަ ބަލާ ކޮމިޓީއަށް ވަނީ ދީފައެވެ.
ޖިންސީ ފުރައްސާރައިގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ހިދުމަތެއްގެ މީހެއް ނަމަ، އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރި މަގާމެއްގައި ހުރި މީހަކަށްވީތީ، އެފަދަ މައްސަލަތައް ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޓީތައް އެކުލަވާލުމުގައި ގެނައި ބަދަލުތަކުގެ ތެރޭގައި، ކޮމިޓީގައި މަދުވެގެން ތިން މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް އަދި ދެ ޖިންސުގެ މެންބަރުން ހިމެނޭހެން އައްޔަންކުރަން ޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ކޮމިޓީ އެކުލަވާލުމަށްފަހު އެކަން ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަން ޖެހުނު ނަމަވެސް، އާ އިސްލާހުގެ ދަށުން އެކަން އަންގަން ޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަނަށެވެ.
މައްސަލަ ބަލައި ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، އިތުރު 30 ދުވަސް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ކޮމިޓީން ނިންމާ ނިންމުންތައް ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.
ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި ތަމްރީން ދިނުމަކީ މި އިސްލާހުގެ ދަށުން ލާޒިމު ކަމެކެވެ.
Ads by MACL
