ނަޝީދުގެ ގޮވާލެއްވުމަށް ފަޒުނާ 'ލޮލް' ޖެއްސެވުމުން އިންތިގެ ހޫނު ރައްދެއް!
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ގޮވާލެއްވުންތަކަށް ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މަލާމާތް ކުރެއްވުމުން، އެކަމަށް ފާޑުވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށީ، ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަންދެން އިދިކޮޅު ހަރަކާތްތަކާއި އިހުތިޖާޖުތަކުގައި ދެމިތިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ތެރެއިން ދަނޑިކޮށީ ހަރުގެ ކުރިމަތީގައި ހުންނަވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން، ފަޒުނާ އަހުމަދު ވަނީ ސޯޝަލް މީޑިއާގައި "ލޮލް" ޖެއްސެވުމަށްފަހު ފާޑުވިދާޅުވެފައެވެ. ފަޒުނާގެ ވާހަކަފުޅުތައް ބިނާކުރެއްވީ ރައީސް ނަޝީދަކީ މިހާރު އެމްޑީޕީގެ ހަރަކާތްތަކުގެ ބައިވެރިއެއް ނޫންކަން ދޭހަވާ ފަދަ މޭރުމަކުންނެވެ.
މެޑަމް ފަޒުނާ ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އެ ޕާޓީން ދެމިއޮތީ މެންބަރުން ކުރި ބުރަ މަސައްކަތުންނެވެ. އަދި އެމްޑީޕީން އަމަލީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަކީ އިހުތިޖާޖުތަކާއި، ވޯކްޝޮޕްތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މީގެކުރިން މަޝްވަރާއަށް މޭޒުދޮށަށް ގޮވާލެއްވީ ރައީސް މައުމޫނުގެ ސަރުކާރަށް ކަމަށާއި، އެ ގޮވާލެއްވުމުން ގައުމަށް އައި ބަދަލުތަކާމެދު ވިސްނާލުން މުހިންމު ކަމަށެވެ. އަދި އެ ފަހަރުގެ ގޮވާލެއްވުން ނިމިގެންދިޔައީ ހަމައެކަނި "ލޮލް" އަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ފެނިގެންދިޔައީ ވަރުގަދަ އިންގިލާބީ ބަދަލެއް ކަމަށް އިންތި ވިދާޅުވިއެވެ.
މީގެއިތުރުން ފަޒުނާ ވަނީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ޕާޓީގެ މެންބަރުން ހުއްޓުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވެ، ޕާޓީގެ މިހާރުގެ ހަރަކާތްތަކާ ރައީސް ނަޝީދާ ގުޅުމެއް ނެތްކަމަށް ބާރުއަޅުއްވާފައެވެ.
Ads by MACL
