ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ޓިކެޓްގެ އަގުތައް ބޮޑުވުމުން ފީފާގެ ރައީސް އިންފަންޓީނޯ ދިފާއުކޮށްފި

ފީފާގެ ރައީސް އިންފަންޓީނޯ
ފީފާގެ ރައީސް އިންފަންޓީނޯ

އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދެއްވައިފިއެވެ.

ނިއުޔޯކްގައި ބޭއްވި ސެމަފޯގެ އަހަރީ ވޯލްޑް އިކޮނޮމީ ސަމިޓުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތަކީ ފީފާއަށް އާމްދަނީ ލިބޭ ހަމައެކަނި ވަސީލަތް ކަމަށެވެ. އިންފަންޓީނޯ ފާހަގަކުރެއްވި ގޮތުގައި ފީފާއަކީ ފައިދާއަށް މަސައްކަތްކުރާ އިދާރާއެއް ނޫނެވެ.

"ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ވޯލްޑް ކަޕުން ބިލިއަނުން އާމްދަނީ ލިބުނު ނަމަވެސް، ފީފާއަކީ ނޮން-ޕްރޮފިޓް ޖަމިއްޔާއެއްކަން. ލިބޭ ހުރިހާ އާމްދަނީއެއް އަޅުގަނޑުމެން އިންވެސްޓް ކުރަނީ ދުނިޔޭގެ 211 ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން ތިންބައިކުޅަ ދެބައި ގައުމުތަކަކީ ފީފާގެ އެހީއާ ނުލައި ފުޓްބޯޅަ ހިންގޭނެ ގައުމުތަކެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޓިކެޓްތަކުގެ އަގުތަކަށް ބަލާއިރު، ސެކަންޑަރީ މާކެޓް ސައިޓެއް ކަމަށްވާ ސްޓަބްހަބްގައި އެމެރިކާގެ ފުރަތަމަ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްވެސް ހުރީ 1,359 ޑޮލަރަށެވެ. އަދި ލޮސް އެންޖެލިސްގައި ކުޅޭ މެޗުތަކުގެ ބައެއް ޓިކެޓްތައް 14,000 ޑޮލަރަށް އަރާއިރު، ނިއުޔޯކްގައި ބާއްވާ ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 25,000 ޑޮލަރާ ހަމައަށް ވަނީ އުފުލިފައެވެ. އާންމުންގެ ޝަކުވާތަކާ ގުޅިގެން ފީފާއިން ވަނީ 60 ޑޮލަރުގެ ޓިކެޓްތަކެއް ތައާރަފްކޮށްފައެވެ. ނަމަވެސް މިއީ ވަރަށް މަދު އަދަދެއްގެ ޓިކެޓެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި ވޯލްޑް ކަޕް ކުރިއަށްދާ އެއް މަސް ދުވަހުގެ ތެރޭގައި ލިބޭ އާމްދަނީއަކީ ކުރިއަށް އޮތް 47 މަސް ދުވަހު ފީފާގެ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ ފައިސާއެވެ. އޭނާ ވަނީ އުތުރު އެމެރިކާގެ މާކެޓަކީ "ވަރަށް ހާއްސަ" މާކެޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ މާކެޓް ރަނގަޅަށް ދެނެގަތުމަށްޓަކައި ވޭތުވެދިޔަ ދެތިން އަހަރު އޭނާ ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގައެވެ.

މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. ރެކޯޑް އަދަދަކަށް، އެބަހީ 48 ޓީމު ވާދަކުރާ މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.