ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖަރުމަނުގެ މިޑްފީލްޑަރ، ގްނެބްރީ އަށް ބޮޑު އަނިޔާއެއް؛ ވޯލްޑް ކަޕް ގައި ނުކުޅެވޭނެ!

ޖަރުމަނުގެ މިޑްފީލްޑަރ، ގްނެބްރީ އަށް ބޮޑު އަނިޔާއެއް؛ ވޯލްޑް ކަޕް ގައި ނުކުޅެވޭނެ!

ބަޔާން މިއުނިކާއި ޖަރުމަނު ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ސާޖް ގްނަބްރީގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ. ގްނަބްރީއަށް މި އަނިޔާ ލިބުނީ މިދިޔަ ހަފުތާގައި ބަޔާން މިއުނިކުން ކުރިއަށް ގެންދިޔަ ޕެނަލްޓީ ތަމްރީނުތަކުގެ ތެރޭގައެވެ.

މި ހިތާމަވެރި ޚަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ގްނަބްރީ ބުނީ، "ޖަރުމަނު ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކުޅުމުގެ ހުވަފެން މިވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ. އަދި ގައުމުގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން އޭނާވެސް ގޭގައި ހުރެގެން ޓީމަށް ސަޕޯޓް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޖަރުމަނު ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ގްނަބްރީ ވަނީ އެންމެ ފަހުން ސްވިޒަލޭންޑާއި ގާނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ސްޓާޓިން ލައިންއަޕްގައި ހިމެނިފައެވެ. ނަމަވެސް މި އަނިޔާގެ ސަބަބުން އޭނާގެ ފޯކަސް މިހާރު ހުރީ އަވަހަށް ރަނގަޅުވެ، އަންނަ ސީޒަނަށް ތައްޔާރުވުމަށެވެ.

ބަޔާން މިއުނިކުން މިދިޔަ ހަފުތާގައި ބުންޑެސްލީގާ ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުން ދަނީ ތިން ތަށި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަރުމަނު ކަޕްގެ ސެމީ ފައިނަލުގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅޭ މެޗާއި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް ގްނަބްރީއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވޯލްޑް ކަޕަށްދާ ސްކޮޑް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނު ވާދަކުރާނީ ކިއުރަސާއޯ، އިކުއެޑޯ އަދި އައިވަރީ ކޯސްޓާއެވެ.