ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަނާލު ހާދިސާ: ފުލުހުންނަށް ގުޅިކަމަށް ބުނާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ---
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ---

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި އަންހެނަކު ނިޔާވި ހާދިސާގައި،
އޭނާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅަން މަސައްކަތްކުރި ކަމަށް ބުނެ ސޯޝަލް
މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ހާދިސާ ހިނގި ރޭ އެ
އަންހެން މީހާއާ ފުލުހުންނާ ދެމެދު މުޢާމަލާތްތަކެއް ހިނގާފައިވަނީ ވައިބާ
މެދުވެރިކޮށް ކަމަށެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު
ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ނަންބަރަށް އޭނާ މެސެޖެއް ފޮނުވި ކަމަށާއި، އޭގެ
ފަހުން 8:50 އާ ހަމައަށް ދެފަރާތުގެ ދެމެދުގައި މެސެޖުތަކެއް ބަދަލުކުރެވުނު
ކަމަށް ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެރޭ 8:53 ގައި އޭނާގެ ހާލު ރަނގަޅު ކަމަށާއި ބޭރަށް
ދާން އުޅޭ ކަމަށް ބުނެ މެސެޖުކުރި ކަމަށެވެ. ނަމަވެސް، ދަންވަރު 12:38 ގައި
"އައިއެމް ގޯން" (I'm gone) ޖަހާފައި ވިކްޓިމް ސަޕޯޓަށް މެސެޖެއް ފޮނުވި
ކަމަށާއި، އެ މެސެޖަށް 3 މިނެޓު ތެރޭގައި ފުލުހުން ޖަވާބު ދިން ނަމަވެސް
އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ ވިކްޓިމް ސަޕޯޓުން އޭނާއަށް ގުޅަން މަސައްކަތްކޮށް، ޚަބަރެއް ނުވުމުން
ދަންވަރު 1:03 ހާއިރު ކޮމާންޑް ސެންޓަރަށް އެކަން ރިޕޯޓްކުރި ކަމަށް ވަޒީރު
ވިދާޅުވިއެވެ. އަދި 1:08 ހާއިރު ފުލުހުން ދަނާލަށް ގޮސް، އޭނާ އުޅުނު ކޮޓަރި
ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފެދޭތީ، އެކަމުގެ
އެތެރޭގެ ތަޙުޤީޤެއް (Internal Inquiry) ހިންގާނެ ކަމުގެ ޔަޤީންކަން ވަޒީރު
ދެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކުންވެސް މި މައްސަލަ ބަލަމުންދާނެ ކަމަށް
ވިދާޅުވިއެވެ.

ވަޒީރު ވަނީ ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނާޒުކު މިފަދަ މައްސަލަތަކުގައި
ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. މިފަދަ
ވާހަކަތަކުގެ ސަބަބުން ކަމާގުޅޭ އާއިލާތަކަށާއި، މިފަދަ ހާލަތްތައް
ތަހައްމަލުކުރާ ފަރާތްތަކަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބޭނެކަން
ވަޒީރު ފާހަގަކުރެއްވިއެވެ.