އެމްޑީޕީގެ އިންތިހާބު: މުޅިންއަލަށް 4800 މެމްބަރުން، އިތުރު ވަގުތުދިން ނަމަ މިއަށްވުރެ ގިނަ ކުރާނަން: ރައީސް ނަޝީދު
އަންނަ ޖޫން މަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެ ޕާޓީއަށް މެމްބަރުން ވެއްދުމުގެ ސުންގަޑި ހަމަވިއިރު، 4،868 މީހުން ވަދެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފިއެވެ.
އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
އަދި އެ އިންތިހާބުގައި ވޯޓުލެވޭނީ ރޭގެ 12ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ކަމަށް ކަނޑައެޅި އެވެ. އެއާ އެކު، އިންތިހާބުގައި ވޯޓުލުމަށްޓަކައި ޕާޓީއަށް ވަނުމަށް ބޮޑު ހަރަކާތެއް ހިންގި އެވެ.
ތަފްސީލު - އިއްޔެ އެމްޑީޕީއަށް ވަދެފައިވާ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ސުވާލު ކުރުމުން އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވީ، ކޮމިޝަންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި 4،876 މީހަކު ވަނީ އެ ޕާޓީއަށް ވަދެފަ އެވެ.
އީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި އެމްޑީޕީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 43،784 އެވެ. ކޮމިޝަންގެ ސައިޓު އަޕްޑޭޓް ނުވާތީ އެ އަދަދަކީ މިދިޔަ ދުވަސްތަކުގައި ޕާޓީއަށް ވަދެފައިވާ މެންބަރުން ނުހިމަނަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ޝައުގުވެރިވެވަޑައިގަންނަވާ ކަން މިހާތަނަށް ވަނީ ހާމަކުރައްވައިފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއެވެ. އެނގިފައިވާ ގޮތުގައި މި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ފެކްޝަން ތާއީދު ކުރައްވަނީ މީކާއިލަށެވެ.
Ads by MACL
