ސެމްސަންގް "ރީ-ނިއުޑް" ލައިންއަޕަށް ފޯލްޑް 7 އަދި ފްލިޕް 7 އިތުރުކޮށްފި؛ ނަމަވެސް އަގުތައް އާ ފޯނަށްވުރެ ބޮޑު!
ސެމްސަންގުން ސީދާ މަރާމާތުކޮށް، އާ ބެޓަރީއާއެކު ނެރޭ "ރީ-ނިއުޑް" (Refurbished) ފޯނު ޕްރޮގްރާމަށް އެންމެ ފަހުގެ ގެލެކްސީ ޒެޑް ފޯލްޑް 7 އަދި ގެލެކްސީ ޒެޑް ފްލިޕް 7 އިތުރުކޮށްފިއެވެ. ނަމަވެސް، މި ވަގުތު މި ޕްރޮގްރާމްގެ ދަށުން ލިބެން ހުރި އަގުތަކަށް ބަލާއިރު، މިއީ ކަސްޓަމަރުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަން ވަނީ ފާހަގަކުރެވިފައެވެ.
މި ވަގުތު ސެމްސަންގުގެ ރަސްމީ އަގުތަކަށް ބަލާއިރު، މުޅިން އާ ގެލެކްސީ ޒެޑް ފޯލްޑް 7 (256GB) އެއް ލިބެން ހުރީ 1,599 ޑޮލަރު އަށެވެ. ނަމަވެސް، "ރީ-ނިއުޑް" ފޯނެއްގެ އަގަކީ 1,699 ޑޮލަރު ކަމަށްވުމުން، މިއީ އާ ފޯނަކަށްވުރެ 100 ޑޮލަރު ބޮޑު އަދަދެކެވެ. ހަމައެފަދައިން، އާ ޒެޑް ފްލިޕް 7 އެއް 899 ޑޮލަރަށް ވިއްކަމުންދާއިރު، ރިފާބިޝްޑް ފޯނެއްގެ އަގު ހުރީ 939 ޑޮލަރުގައެވެ. މިއީ އާ ފޯނަށްވުރެ 40 ޑޮލަރުބޮޑު އަގަކަށް ވާތީ، ރިފާބިޝްޑް ފޯނެއް ގަތުމުގެ ބަދަލުގައި ސެމްސަންގުން މިވަގުތު އާ ފޯނެއް ގަތުން މާ ބޮޑަށްވެސް ފައިދާހުރެއެވެ.
މީގެ ކުރިން ސެމްސަންގުން ރިފާބިޝްޑް ފޯނުތައް ނެރެނީ އާ ފޯނުތަކަށްވުރެ ބޮޑުތަނުން ހެޔޮ އަގުގައެވެ. ނަމަވެސް، މިފަހަރު އަމިއްލަ ކުންފުނިން އާ ފޯނުތަކުގެ އަގު ހެޔޮކޮށްފައިވާއިރު، ރިފާބިޝްޑް ފޯނުގެ އަގު ބޮޑުކޮށް ހުރުމުން މި "ރީ-ނިއުޑް" ޕްރޮގްރާމްގެ ބޭނުމެއް މިވަގުތު ނެތް ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
Ads by BMLކުލަތަކަށް ބަލާއިރު، "ރީ-ނިއުޑް" ފޯލްޑް 7 މިވަގުތު ލިބެން ހުރީ ސިލްވަރ، ބްލޫ އަދި ބްލެކް ކުލައިގައެވެ. އަދި ފްލިޕް 7 ލިބެން ހުރީ ހަމައެކަނި "މިންޓް" ކުލައިންނެވެ.
Ads by MACL
