އެލްޖީއޭގެ ރައީސްގެ މަގާމަށް ވަޒީރު މޫސާ ޒަމީރު އައްޔަންކުރައްވައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަމުގެ މަގާމަށް، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި އައްޔަންކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 140 ވަނަ މާއްދާ އާއި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭގެ ފަރާތުން ޖަވާބުދާރީވާނެ ވަޒީރަކީ ވެސް މޫސާ ޒަމީރު ކަމުގައި މިހާރު ވަނީ ހަމަޖެހިފައެވެ. ގާނޫނުއަސާސީ ބުނާގޮތުން، މިނިވަން މުއައްސަސާތަކުގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެކެވެ.
އެލްޖީއޭގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރު ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ސަރުކާރުގެ ކެބިނެޓަށް މިފަހުން ގެނައި ބަދަލުތަކާއެކު، މީގެކުރިން ލާމަރުކަޒީ ކަންކަން ބަލަހައްޓަމުން ދިޔަ "ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ" ވަނީ އުވާލާފައެވެ. އެ ވުޒާރާ އުވާލި ނަމަވެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން މީގެ ކުރިން ވިދާޅުވެފައިވަނީ މި ބަދަލުގެ ސަބަބުން ކައުންސިލްތަކާއި އިދާރީ ދާއިރާތައް ހިންގުމުގައި އެއްވެސް ކަހަލަ ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށެވެ.
Ads by MACL
