ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެކްސް.ސީ.އެމް.ޖީ މެޝިނަރީތަކަށް އަހުލުވެރިކުރުވުމަށް އާރު.ޑީ.ސީ އިން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އެކްސް.ސީ.އެމް.ޖީ މެޝިނަރީތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕް ނިންމުން --- ފޮޓޯ: އާރުޑީސީ
އެކްސް.ސީ.އެމް.ޖީ މެޝިނަރީތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕް ނިންމުން --- ފޮޓޯ: އާރުޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން އަލަށް ހޯދި އެކްސް.ސީ.އެމް.ޖީ (XCMG) ބްރޭންޑުގެ ބަރު އުޅަނދުތަކާއި މެޝިނަރީތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ހިންގި ތަމްރީނު ސިލްސިލާ މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކ. ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓުގައި ކުރިއަށްދިޔަ މި ތަމްރީނުތަކަކީ، އާރު.ޑީ.ސީގެ ފަންނީ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާރު.ޑީ.ސީން ކުރިއަށްގެންދާ މަޝްރޫއުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައިވެސް އެ ކުންފުނިން އުޅަނދުތައް އޮޕަރޭޓްކުރުމުގައި ގެންގުޅޭ މިންގަނޑުތައް އެއްގޮތްކޮށް ހިފެހެއްޓުމެވެ.

އެކްސް.ސީ.އެމް.ޖީގެ ފަންނީ ޓީމުން އިސްވެ ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، އަމަލީ ގޮތުން އުޅަނދުތައް ބޭނުންކުރާނެ ގޮތާއި، މެޝިނަރީތަކަށް ދިމާވާ ފަންނީ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މުވައްޒަފުންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެކްސް.ސީ.އެމް.ޖީގެ ޓީމުން ދެއްވި އެއްބާރުލުމާއި ފަންނީ އިރުޝާދަށްޓަކައި އާރު.ޑީ.ސީން ވަނީ އެ ފަރާތަށް ޝުކުރު އަދާކޮށްފައެވެ.