ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފަކު ނިޔާވުމާއި ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާއި ހިލާފް ވާހަކަތަކެއް!

ވެލާނާ އެއާޕޯޓް އައު ޓާމިނަލް ---
ވެލާނާ އެއާޕޯޓް އައު ޓާމިނަލް ---

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފަކު ނިޔާވުމާ ގުޅިގެން، އެ ކުންފުނީގެ އިސްވެރިންނަށާއި ކުންފުންޏަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހާމަވެއްޖެއެވެ.

ފޭސްބުކް ފަދަ މަންސަތަކުގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ އެ މުވައްޒަފު ނިޔާވީ ވަޒީފާގެ މާހައުލުގައި ކުރިމަތިވި ފުރައްސާރައާއި ބުލީ ކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މިކަމާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މުވައްޒަފަށް ވަޒީފާގެ މާހައުލުގައި އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި އިހުމާލުވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެކެވެ.

މިފަދަ ނާޒުކު ހާދިސާތަކާ ގުޅުވައިގެން ހަގީގަތް ބެލުމެއް ނެތި ދޮގު ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން ނޭދެވޭ އެތައް ކަމެއް މުޖުތަމައުގައި ހިނގައިފާނެ ކަމެކެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތައް ފެތުރުމުގައާއި، އެފަދަ ވާހަކަތައް ގަބޫލުކުރުމުގައި އެންމެހާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް އަމިއްލައަށް މަރުވުމުގެ ހާދިސާތައް މުޖުތަމައުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެކި ފަރާތްތަކުން އެކި ކަހަލަ ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ވާޖިބެކެވެ.