އިންޑިއާގެ ސުވޮޕް ފެސިލިޓީގެ ދަށުން ރާއްޖެއަށް 30 ބިލިއަން ރުޕީސް ދޫކުރުމަށް ނިންމައިފި
ކަރަންސީ ސުވޮޕް އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 319 މިލިއަން ޑޮލަރު) ދޫކުރުމަށް ނިންމައިފިއެވެ.
ހާރިޖީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން މި ފައިސާ ނެގުމުގެ ފުރުސަތު ދިވެހި ސަރުކާރަށް މިހާރު ވަނީ ފަހިވެފައެވެ. މިއީ އިންޑިއަން ރުޕީ (އައިއެންއާރް) ވިންޑޯ މެދުވެރިކޮށް 30 ބިލިއަން ރުޕީސްއާ ހަމައަށް ފައިސާ ނެގުމަށް ލިބުނު ހުއްދައެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން ދެމުންގެންދާ މި އެއްބާރުލުމަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.
މި އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ސޮއިކުރެވުނު ބައިލެޓަރަލް ސުވޮޕް އެއްބަސްވުމުގެ ދަށުން ފަހިވި ފުރުސަތެކެވެ.
މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
Ads by MACL
