ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަނާލުގައި މަރުވި ޒުވާނާގެ މަރުގެ ތަހުގީގު އެޗްއާރުސީއެމްއިން ފަށައިފި

އެޗްއާރްސީއެމްގެ އިސް ބޭފުޅުން
އެޗްއާރްސީއެމްގެ އިސް ބޭފުޅުން

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުން ދިޔަ ޒުވާން އަންހެނަކު މަރުވި ހާދިސާ ތަހުގީގުކުރަން ފަށައި، އެ ހާދިސާއާ ގުޅޭ ޒާތީ މައުލޫމާތު އާއްމު ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.


ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރުގެ މަރަށް ތިން ދުވަސް ފަހުން، އެޗްއާރުސީއެމުން ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓުގައި ބުނީ އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.



މީގެ އިތުރުން އެ ހާދިސާއާ ގުޅޭގޮތުން، ހަގީގަތާ ހިލާފު ވާހަކަ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމު ނުކުރުމާއި މަރުވި ޒުވާނާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"إنا لله وإنا إليه راجعون  2026 އޭޕްރީލް 21 ގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖުދުއްދީން ދަނާލުގައި، ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި ދަރިވަރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. މި ޙާދިސާ މި ކޮމިޝަނުން އިސްނަގައިގެން މިދަނީ ބަލަމުން. މި ހިތާމަވެރި ޙާދިސާ އާގުޅޭގޮތުން، ހަޤީޤަތާ ޚިލާފު ވާހަކަ އާއި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމު ނުކުރުމަށާ އަދި މަރްޙޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަން." އެޗްއާރްސީއެމް އިން ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ 18 އަހަރުގެ އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.



އޭގެފަހުން އެ ހާދިސާއާ ގުޅޭގޮތުން އެކި ވާހަކަތައް ފަތުރަމުން ދަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ އެ ޒުވާނާއާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާ ދެމެދު އެ ރޭ ދެއްކި ވާހަކަތައް ވެސް ލައިވް ޕްރެސްކޮންފަރެންސެއްގައި  އާއްމު ކުރައްވައިފަ އެވެ. އެކަމާ މެދު، އާއްމުންގެ ހިތްހަމަނުޖެހުންތައް އަމާޒުވެފައިވެ އެވެ.